އުމްރާއަށް ފަހު، ރާއްޖެ އައިސް ބަލިތަކުން ރައްކާތެރިވާން ފިޔަވަޅު އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

ސްކޫލު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަމަށް ގޮސްފައިވާއިރު އާންމުކޮށް އަޅުކަމަށްފަހު އަންނައިރު ގިނަ މީހުން ތިބެނީ ރޯގާ ޖެހިފައެވެ.

އެހެންކަމުން އެޗްޕީއޭއިން ވަނީ ޢުމްރާގެ އަޅުކަމަށްފަހު ގިނަ ބަޔަކު އަނބުރާ ރާއްޖެއަންނަން ފަށާއިރު، ނޭވާލުމުގެ ނިޒާމުން ފެތުރޭ ބަލިތައް މަދު ކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ، ކެއްސާ ކިނބިހި އަޅާއިރު، އަނގަމައްޗާއި ނޭފަތް ނިވާކުރުމާއި ހައްޖު ނުވަތަ އުމްރާ އަދާކުރަން އުޅޭއިރު، މާސްކު އަޅައިގެން އުޅުމާއި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށް ވަނީ އެދިފައެވެ.

މީގެއިތުރުން ރޯގާ ޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމާއި ރޯގާ ޖެހިފައިވާނަމަ، ކުޑަކުދިން ކައިރިއަށް ނުދިޔުމާއި އެ ކުދިން އުރާ ނުހެދުމަށް އެދިފައިވެއެވެ. އަދި ހައްޖުން ނުވަތަ އުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، އަވަހަށް ޑޮކްޓަރަށް ދެއްކުމާއި ޑޮކްޓަރަށް ދައްކާއިރު، ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައި މީހެއް ކަމުގެ މައުލޫމާތު ދިނުމަށްވެސް އެދިފައިވެއެވެ.

ރޯގާ ޖެހި، ހުން އައިސްފިނަމަ، ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމާއި އަރާމު ކުރުމާއި ހުންގަދަ ނަމަ، އާދައިގެ ތާފަނާ ފެން، ގައިގައި ހޭކުމުގެ އިތުރަށް ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް، ޑޮކްޓަރެއްގެ މަޝްވަރާއާ ނުލައި ބޭނުން ނުކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން 7000ށް ވުރެ ގިނަ މީހުން އުމްރާއަށް ދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.