ވެނެޒުއޭލާއަށް އެމެރިކާ ސިފައިން އަރާ އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އަނބިކަނބަލުން ވަގަށްނަގައިގެން އެމެރިކާއަށް ގެނެސްފައިވާއިރު ހޯމަ ދުވަހު ނިއުޔޯކުގެ ފެޑަރަލް ޖަޖުން އަރިހަށް ހާޒިރުކުރާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ގާތްގަނޑަކަށް 6 މަސް ދުވަސްވަންދެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޑޫރޯ އަށް އެކި ގޮތްގޮތުން އިންޒާރު ދެމުންގޮސް އެންމެފަހުން ހޮނިހިރު ދުވަހު އެމެރިކާއިން ވަނީ ވެނެޒުއާލާއަށް ހަމަލާދީފައެވެ. ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ ސިފައިން ވެނެޒުއޭލާއަށް އަރާ މަޑޫރޯ އާއި އަނބިކަނބަލުން ވަގަށްނެގީ އެބޭފުޅުންގެ ކޮޓަރީގައި ނިދަން ތިއްބާކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ގަޑިއިރު ތަކެއް ފަހުން ޓްރަމްޕް ވަނީ މަޑޫރޯ ހައްޔަރުކޮށްފައިވާ ފޮޓޯ އެއް ޕޯސްޓްކުރައްވާފައެވެ. އެމެރިކާއިން ވެނެޒުއާލާއަށް ހަމަލާދީން ތަންތަނުގެ ތެރޭގައި އެއަރޕޯޓާއި، އަސްކަރީ ބޭސް އާއި ޕޯޓު ހިމެނެއެވެ.
އެއްބަޔަކު އެއީ ވަގަށް ނެގުމުގެ ގޮތުގައި ސިފަކުރާއިރު އަނެއް ބަޔަކު މިއީ ހައްޔަރުކުރުންކަމަށް އަންނަނީ ސިފަކުރަމުންނެވެ.
މަޑޫރޯ މިހާރު ހުންނެވީ ނިއުޔޯކްގެ މެޓްރޮޕޮލިޓަން ޑިޓެންޝަން ސެންޓަރުގައެވެ. މިތަނަކީ ގައިދީންނަށް ވަރަށް އުނދަގޫ ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ސިފަކުރެއެވެ. ގައިދީންނަށް އެކި ކަހަލަ އަނިޔާތައް ކުރުމުގެ އިތުރުން ޖަލުގެ ހާލަތަކީވެސް ވަރަށް ދެރަކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެތަނުން ލިބޭ ކާބޯތަކެއްޗަކީވެސް ނުބައިވެފައި ހުންނަ ކާބޯތަކެތި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހޯމަ ދުވަހު ނިއުޔޯކްގެ ފެޑަރަލް ޖަޖުންގެ ކުރިމައްޗަށް މަޑޫރޯ އާއި އަނބިކަނބަލުން ހާޒިކުރުމަށް ހަމަޖެހިފައިވާއިރު މަޑޫރޯގެ މައްޗަށް އުފުލާ ދައުވާތަކުގެ ތެރޭގައި ޑްރަގާއި ހަތިޔާރު ގެންގުޅުން ހިމެނެއެވެ.
ހޯމަ ދުވަހު މަޑޫރޯ އާއި އަނބިކަނބަލުންނަށް ކުރެވޭ ދައުވާތައް އަޑުއިއްވުމަށްފަހު އެދައުވާތަކަށް އެއްބަސްވަންތޯ ނުވަތަ ނޫންތޯ ބުނުމުގެ ފުރުސަތު ދެވިގެންދާނެއެވެ. އަދި ލޯޔަރެއް ހޯދުމުގެ ހައްގު ލިބިގެންދާނެތޯވެސް އެއާއެކު އެނގިގެންދާނެއެވެ. މަޑޫރޯގެ މައްޗަށް ކުރެވޭ ދައުވާތަކުގެ އަޑުއެހުންތައް ކުރިޔަށްދިޔުމަށް ގިނަ މަސްތަކެއް ނުވަތަ އަހަރުތަކެއް ނަގާނެކަމަށް ބެލެވެއެވެ.
އަނެއްކޮޅުން ވެނެޒުއޭލާގެ ސްޕްރީމް ކޯޓުން ވަނީ އެގައުމު ހިންގުން ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް އަށް ދީފައެވެ.
ގައުމު ހިންގުމުގެ ބާރު ނައިބު ރައީސަށް ދީފައިވާއިރު ޓްރަމްޕް ބުނެފައިވަނީ ހިންގުމުގެ ކަންކަން ހަމައަކަށް އެޅެންދެން ވެނެޒުއޭލާ ހިންގާނީ އެމެރިކާއިން ކަމަށެވެ. އަދި ވެނެޒުއޭލާގެ ތެލުގެ ރިޒާވްވެސް ބަލަހައްޓާނީ އެމެރިކާއިން ކަމަށް ވަނީ ބުނެފައެވެ.
ޓްރަމްޕްގެ މި އަމަލާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އެމެރިކާ އާ ދެކޮޅަށް އަންނަނީ އަޑުއުފުލަމުންނެވެ. އަދި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ޚިލާފުކަމެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.