ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލާ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލިސް ކުރުކޮށްލުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅައިފިއެވެ.

ދައުރުން ބޭރުގައި މާދަމާ ބާއްވާ ޖަލްސާއަށް މިބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް އެޖެންޑާކޮށްފައިވާ މިބިލު ހުށަހަޅުއްވާފައިވަނީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުއެވެ.

ބިލުގައި ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ގާނޫނު އަސާސީގެ 72 ވަނަ މާއްދާއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނީ ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިޚާބާއެކު ކަމަށް ބަޔާންކޮށް އަކުރެއް އިތުރުކުރުން ހިމެނެއެވެ. މީގެއިތުރުން ގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ ހ ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރުކަމަށް ވަނީ ބަޔާންކޮށްފައެވެ.

މިގޮތަށް މިއިސްލާހު ގެނައުމުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު، 21 ވަނަ ރައްޔިތުންގެ މަޖިލިސް ފެށޭނީ އެ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހެވެ. އަދި މިހާރު ހިނގާ 20 ވަނަ މަޖިލިސް އެ ދުވަހު އުވޭނެއެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޕީއެންސީ ހަރުގޭގައި ވާހަކަދައްކަވަމުންނެވެ. އެދުވަހު ވިދާޅުވީ 2024 ވަނަ އަހަރުގެ ތެރޭގައި އެބިލު މަޖިލީހަށް ހުށަހަޅުއްވާނެކަމަށެވެ.

ދެ އިންތިޚާބު އެއްކޮށްލާ މައިގަނޑު ސަބަބެއްގެ ގޮތުގައި ރައީސް ވިދާޅުވެފައިވަނީ ދެ އިންތިޚާބު ވަކިވަކިން ބޭއްވުމުން ގިނަ އަދަދެއްގެ ފައިސާ ޚަރަދުވުމެވެ. ޕީއެންސީ ހަރުގޭގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެންމެ މަދުވެގެންވެސް 120 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށާއި ރިޔާސީ އިންތިޚާބުގެ ދެ ބުރު ބޭއްވުމަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިދެއިންތިޚާބުގެ ދެމެދުގައި ހޭދަވަނީ ގާތްގަނޑަކަށް 6 މަސްދުވަސްވަރުކަމަށެވެ. އެހެންކަމުން މި ދެ އިންތިޚާބު އެކުއެކީގައި ބޭއްވިއްޖެނަމަ ގިނަ އަދަދެއްގެ ފައިސާ ސަލާމަތްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެފަހުން މިބިލު ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. އެއީ މިދިޔަ އަހަރު ހުށަހަޅުއްވާނެކަމުގައެވެ. ނަމަވެސް މިދިޔަ އަހަރު މަޖިލިސް ނިންމާލީ ބިލު ހުށަނާޅައެވެ.