ސިވިލް ސާވިސް ހެދުން އެޅުމުގެ ގަވާއިދަށް ގެނެވުނު އިޞްލާޙަކީ އިސްލާމީ މިންގަނޑުތަކާ ދިމާއަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތުން މިހެން ބުނީ ސިވިލް ސަރވިސް ގެ ގަވާއިދަށް ގެނައި އިސްލާހާ ގުޅޭގޮތުން އެޕާޓީން ދެކޭގޮތް ހާމަކޮށް ނެރުނު ނޫސްބަޔާނެއްގައެވެ. އެޕާޓީން ބުނީ ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ގެނެވުނު ހެޔޮ ބަދަލުތަކަކީ، އެކަމުގެ އެންމެ ފުރިހަމަ ކަމާ ހަމައަށް ނުދެވުނު ކަމުގައި ވިޔަސް، މުޖުތަމަޢުގެ ދީނީ އަދި އިޖުތިމާޢީ ސަލާމަތްތެރިކަމަށްޓަކައި އެޅުނު ރަނގަޅު ފިޔަވަޅުތަކެއްގެ ގޮތުގައި ދެކޭކަމުގައެވެ.
އަދާލަތުން އިތުރަށް ބުނީ އެންމެ ފުރިހަމަ ގޮތަށް ޢަމަލު ނުކުރެވުނު ނަމަވެސް ރަނގަޅުގޮތާއި ގާތްކުރާ ހެޔޮ ބަދަލުތަކަކީ އެކަމަށް ތަރުހީބުދީ ހިތްވަރުދޭންޖެހޭ ކަންކަންކަމަށެވެ. ހެޔޮ ބަދަލުތައް ގެނެސް، މާތްﷲ ރުހިވޮޑިގަންނަވާ މިންގަނޑަށް ވާޞިލުވުމަށް ގަދައަޅާ މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ ވެސް ޒިންމާއެއްކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
އިސްލާމްދީނަކީ އިންސާނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެންމެ ފުރިހަމަ ގޮތުގައި ތަރުތީބުކޮށްދޭ ދީނެވެ. މިގޮތުން، ހެދުން އެޅުމުގެ މިންގަނޑުތަކަކީ އިސްލާމީ ތަރުބިއްޔަތާއި، އަޚުލާޤުގެ ވަރަށް މުހިންމު ބައެކެވެ.އިސްލާމްދީނުގައި ހެދުން އެޅުމުގެ މަޤްޞަދަކީ ހަމައެކަނި ފިނިހޫނުމިނުން ސަލާމަތްވުމާއި ޒީނަތްތެރިވުމެއް ނޫނެވެ. އޭގެ އެންމެ ބޮޑު މަޤްޞަދަކީ އައުރަ ނިވާކުރުމާއި، އިންސާނާގެ އިއްފަތްތެރިކަމާއި ކަރާމާތް ރައްކާތެރިކުރުންކަމަށް ބުނެފައިވެއެވެ.
އައުރަ ނިވާކުރުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އެ އަމުރުފުޅާ ދެކޮޅު ހެދުމަކީ އެކަލާނގެ ބާވައިލެއްވި ޙުކުމްފުޅަކާ ދެކޮޅު ހެދުމެވެ. އެހެންކަމުން އެއީ އެއްވެސް މުއުމިނު ފިރިހެނަކަށް ވެސް ނުވަތަ އަންހެނަކަށް ވެސް އިޚްތިޔާރު ލިބިގެންވާ ކަމެއް ނުވާކަމަށް ބުނެފައިވެއެވެ.
ކަންމިހެން އޮތުމުގެ ސަބަބުން، އަންހެނުންނާއި ފިރިހެނުން ވެސް ހިލޭ މީހުންގެ ކުރިމަތީގައި އުޅޭ އިރު ފުރިހަމަގޮތުގައި އެބައިމީހުންގެ އައުރަ ނިވާކޮށްގެން އުޅުމަކީ އެބައިމީހުންނަށްވާ ރައްކާތެރި ކަމެއްކަމުގައި މެނުވީ ނުވެއެވެ. އެފަދައިން އުޅޭ އުޅުމަށާއި ހެޔޮ ރަނގަޅު ކަންކަމާ ދެކޮޅު ހަދާ ފަރާތްތަކުން ﷲ އަށް ބިރުވެތިވެ، ތައުބާވުމަށް ގޮވާލާކަމަށްވެސް އަދާލަތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަދާލަތުން މިފަދައިން ނޫސްބަޔާން ނެރެފައިވާއިރު ސިވިލް ސަރވިސްގެ ގަވާއިދަށް ގެނައި އިސްލާހަކީ ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއެޅުމަށާއި، ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ބުނެ އެމްޑީޕީގެ އަންހެނުންގެ ރޫހުން އެކަން ކުށްވެރިކޮށް ވަނީ ބަޔާނެއް ނެރެފައެވެ.