ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައި ރައްޔިތުންގެ މަޖިލީހުން ޖަލްސާ އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާތައް 2025 ވަނަ އަހަރަށް ނިންމާލައި ޗުއްޓީއަށް ދިޔައީ ޑިސެމްބަރު މަސް ތެރޭގަ އެވެ. މިއީ އެ ފަހުން ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ޖަލްސާގެ އެޖެންޑާގައި ތާވަލުކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ

  • ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު

  • ސަރުކާރުގެ ފަރާތުން، މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގައި ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުކުރުކޮށްލައި ރިޔާސީ އިންތިހާބާއެކު މީގެ ފަހުން މަޖިލީހުގެ އިންތިހާބު ބޭއްވުމަށެވެ. މިހެން ހެދުމުން މަޖިލީހުގެ މި ދައުރު 1 ޑިސެމްބަރު 2028 އާ ހަމައަށް ކުރުވެގެން ދާނެ އެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުން ހުށަހަޅަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ޖެހިއްޖެ ހާލަތުގައި ޕެންޝަން ފައިސާ ދޫކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލުގައި ފާހަގަކޮށްފައިވަނީ ޖުވާ ކުޅޭ މީހުންނަށް ދޭނެ އަދަބުތަކެވެ. މީގެ ތެރޭގައި ހިމެނެނީ 1 އަހަރާއި 4 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އިއްވުމެވެ.

މާދަމާގެ ޖަލްސާ ތާވަލުކޮށްފައިވަނީ ހެނދުނު 9 ޖަހާއިރަށެވެ.