ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ 75 އިންސައްތަ ތައްޔާރުވެއްޖެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ އާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ 75 އިންސައްތަ މަސްދަޅު އުފެއްދުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ކޮންމެ ރަމަޟާން މަހަކުވެސް ސަރުކާރުގެ ފަރާތުން ދަނީ، ރޯދަ ހަދިޔާ ދެމުންނެވެ. މިދިޔަ އަހަރުގެ ރޯދަމަހެކޭ އެއްގޮތަށް މިއަހަރުގެ ރޯދަމަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވަނީ ނިންމަވާފައެވެ. އެކަމުގެ ތައްޔާރީތައްވެސް މިހާރު ވަނީ ފަށާފައިކަމަށް ވަޒިރު މައުލޫމާތުދެއްވިއެވެ.

ހަމަ މިއާއެކު ވަޒިރު ވިދާޅުވީ، މިދިޔަ އަހަރު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ޒިންމާގެ ދަށަށް އައީ އެންމެ އެކަށީގެންވާ ގޮތައް އެކަން ތަރުތީބު ނުކުރެވި އޮތް ހާލަތެއް މެދުވެރިވި ވަގުތެއްގައި ކަމަށެވެ. ނަމަވެސް ވުޒާރާގެ ދަށަށް ޒިންމާ އައުމާއިއެކު 2 ދުވަހެއްގެ ތެރޭގައި ދިމާވި ދަތިތަކުން އަރައިގަނެވި މަސައްކަތް ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށް ދިޔަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު މިއަހަރު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ވަރަށް ދުރާލާ އިންތިޒާމް ކުރަމުންދާ ކަމަށާއި، އެކަމަށްޓަކައި ވަރަށް ފުރިހަމައަށް މިފަހަރު ތައްޔާރުވަމުންދާ ކަމަށް ވަޒިރު މައުލުމާތު ދެއްވިއެވެ. އަދި މިހާރު 75 އިންސައްތަ ތައްޔާރުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

" އެއިރުގައި އަޅުގަނޑުމެންނަށް ދިމާވި އަނެއް ގޮންޖެހުން ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް މަސްދަޅު ބަހަން ޖެހުނު އިރުގައި ދުރާލާ ތައްޔާރުވެފައި ނެތުމުގެ ސަބަބުން އެންމެ އެކަށީގެންވާ ވަރަކަށް މަސްދަޅުތަކެއް ނެތް އެއިރު ތައްޔާރު ކުރެވިފައެއް. އެހެންވީމަ އެ ހުރިހައި ކަމަކަށް ރިއާޔަތް ކޮށްގެން އެފަހަރު މަސައްކަތް ކުރަން ޖެހުނީ. އެކަމުގެ ތަޖުރިބާގެ އަލީގައި މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭގޮތުން ޚާއްޞަކޮށް މިފްކޯއިން އެކަމަށް ބޭނުންވާ ގާތްގަނޑަކަށް %75 ވަރަކަށް ބޭނުންވާ މަސްދަޅު މިހާރުވެސް އެހުރީ ތައްޔާރު ކުރެވިފައި."

އާދަމް ޝަރީފް އުމަރު/ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު

ހަމަ މިއާއެކު ވަޒީރު ވިދާޅުވީ، ކަމާގުޅުން ހުރި އިދާރާތަކާއި، ކުންފުނިތަކާއިއެކު ވަރަށް ގާތުން މިމަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި މިމަހުގެ 15 އާއި ހަމައަށް އަންނައިރު، މަސައްކަތް އާންމުންނާއި ހަމައަށް ތިލަކޮށް، މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެފައިވާ ތައްޔާރީތައް އާންމު ކުރާނެ ކަމަށް ވަޒީރު މައުލުމާތުދެއްވިއެވެ.

މިދިޔަ ރޯދަމަހު ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ މާލޭގެ ގޭބިސީތަކަށް ހަދިޔާކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅުތެރޭގެ ގޭބިސީތަކަށް ހަދިޔާކުރި 60،712 މަސްދަޅު ކޭހެވެ. މިފްކޯއިން ބުނީ މިފަހަރު މަސްދަޅު އުފައްދަމުންދަނީ މިދިޔަ އަހަރު ރޯދަ ހަދިޔާ ދިނުމަށް މަސްދަޅު އުފެއްދި މިންވަރަށް ރިއާޔަތްކޮށްގެން ކަމަށެވެ.

ކުރިއަށް އޮތް ރޯދަ މަހުގައި ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާއިރު، އެ މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން، ރާއްޖޭގެ ޑޮމެސްޓިކް ރޭޓުގައި ބިލް ކުރާ އެއްވެސް ގޭބީސީއަކަށް ރޯދަ މަހު 400 ރުފިޔާއަށްވުރެ ބޮޑު ކަރަންޓު ބިލެއް ދައްކަން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.