ކައުންސިލްތަކަށް ފުރިހަމަ މާލީ ބާރުވެރިކަން ލިބުމުގެ ސަބަބުން މިހާރަށް ވުރެ ބޮޑަށް ކައުންސިލް ތަކުން އަމިއްލަ އިސްކަން ނަގައިގެން ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތަށް ފުރިހަމަ ގޮތުގައި ގާއިމުކޮށްދެވޭނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މުއައްސަސާ އަކަށް ލިބިގެންދާނެ އެންމެ ބޮޑު ކުރިއެރުމަކީ އެތަނެއް މާލީގޮތުން ބާރުވެރިވުން ކަމަށެވެ.

ކޮންމެ ކަމެއް ކުރަން ޖެހުމުން ސަރުކާރުގެ އަހަރީ ބަޖެޓަށް ބަރޯސާވެގެން ކަން ކަން ކުރަމުން ގެންދާނަމަ ރައްޔިތުންގެ އުންމީދުތަކާ ހަމައަށް ކައުންސިލް ތަކުގެ ހިދުމަތްތަށް ނުދެވޭނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރައީސް އަންނަނީ މިފަދަ މުއައްސަސާތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.

ހަމަ މިއާއެކު ރަށް ރަށުގައި، ހާއްސަކޮށް ފަތުރުވެރިކަމުގެ ނިޒާމުން ކުރާ މަސައްކަތުގައި ކައުންސިލްތަކަށްވަކި އުސޫލުތަކެއްގެ ދަށުން މާލީ ތަނަވަސްކަން ހޯދޭނެ ގިނަ ފުރުސަތުތަކެއް ފަހި ކޮށްދެވިފައިވާ މިނިސްޓަރ މައުލޫމާތުދެއްވިއެވެ.

އެގޮތުން އަތޮޅުތަކުގައި ހުރި ފަޅު ރަށްތައް ކައުންސިލްތަކަށް ވަކި ނިޒާމެއްގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުވުމަށް ޓަކައި އަތޮޅުތަކުގައި ހުރި ފަޅު ރަށް ތައް ކައުންސިލްތަކަށް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސަވައިގެން އކަންތަށް ވެސް ވަކި ނިޒާމެއްގެ ތެރެއިން ކައުންސިލްތަކުން ހުށަހެޅީމަ ވަކި މުއްދަތަކަށް އެމީހުންނަށް ކުއްޔަށް ދޭ ގޮތަށް އަޅުގަނޑުމެން މި އޮތީ އުސޫލުތަކެއް ކަނޑައަޅާފަ، އަދި އޭގެ އިތުރުން ބައެއް ރަށް ރަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން ބައެއް ފަޅު ރަށްތައް އެބަ ދެއްވާ"

އާދަމް ޝަރީފް އުމަރު/ މިނިސްޓާ އޮފް ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް

މީގެ އިތުރުން މިނިސްޓާ ވިދާޅުވީ މި ހުރިހާ ކަމެއް ކުރެއް ވުމުގެ ބޭނުމަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުންކަމަށާއި ރައްޔިތުންނަށް އުފާ ފާގަތި ދިރިއުޅުމެއް ހޯދައިދިނުންކަމަށެވެ.