ޔަމަނުގައި ހަމަޖެހުން ގާއިމްކުރުމަށް ބާރުއެޅުމުގެ ގޮތުން ސައޫދީ އަރަބިއްޔާގެ ރިޔާޟުގައި އެކަމުގެ މަޝްވަރާތައް ކުރުމަށް ކޮންފަރެންސް ބޭއްވުމަށް ސައުދީއިން އިސްނެގުމުން އެކަމަށް ރާއްޖެއިން މަރުހަބާ ކިޔައިފި އެވެ.
ފޮރިން މިނިސްޓްރީން އާންމުކުރި ސްޓޭޓްމަންޓެއްގައި ބުނީ ޔަމަނުގައި ހިނގަމުންދާ ކަންތައްތައް ދިވެހި ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މުޖުތަމައުން ގަބޫލުކުރާ ޔަމަނުގެ ގާނޫނީ ސަރުކާރަށް ދިވެހިރާއްޖެއިން ކުރިންވެސް އަދި މިހާރުވެސް ތާއީދުކުރާ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން އާންމުކުރި ސްޓޭޓްމަންޓުގައި ބުނީ މަޝްވަރާގެ މޭޒުގެ ދަށުން ސިޔާސީ ހައްލެއް ހޯދުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބޭއްވުމަށް ޔަމަނުގެ 'ޕްރެޒިޑެންޝަލް ލީޑަރޝިޕް ކައުންސިލް' އިން ގޮވާލި ގޮވައިލުމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ގޮވައިލުމަށް އިޖާބަ ދީ ސައުދީން ރިޔާޟުގައި އެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ހުށަހަޅާފައިވާތީ މަޝްވަރާ އާއި ޑިޕްލޮމެސީގެ ޒަރީއާއިން ސުލްހަވެރި ހައްލެއް ހޯދުމަށް ސައުދީއިން ނެގި އިސްނެގުމަށް މަރުހަބާ ކިޔާކަމަށް ރާއްޖެއިން ބުނެފައިވެ އެވެ.
ސައުދީގެ މި އިސްނެގުމަށް އަރަބި ގިނަ ގައުމުތަކަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމައަކީ 2011 ވަނަ އަހަރު ފެށުނުގެ އިހުތިޖާޖުތަކާ ގުޅިގެން އެ ގައުމުގެ މަސްރަހު ނުތަނަވަސްވެފައި ވަނިކޮށް، 2014 ވަނަ އަހަރު ހޫތީ ހަނގުރާމަވެރިން ވެރިރަށް ސަންޢާ ހިފުމާ ގުޅިގެން ފެށުނު ހަނގުރާމަ އެކެެވެ. ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިއްތިހާދުން މި ހަނގުރާމައިގެ ތެރެއަށް ވަނުމުން ހަމަނުޖެހުންތައް އިތުރަށް ހޫނުވެގެން ގޮސްފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ޔަމަނުގެ ބޮޑު ބައެއް ބޮޑު ބަޑުހައިހޫނުކަމެއްގެ ތެރެއަށް ވެއްޓި، ދުނިޔޭގެ ތާރީހުގައިވެސް ކުރިމަތިވި ކޮލެރާ ބަލީގެ އެންމެ ނުރައްކާތެރި ވަބާ އެ ގައުމުގައި ފެތުރިގެންދިޔަ އެވެ.
2020 ވަނަ އަހަރާ ހަމައަށް އައިއިރު، ބޭރުގެ ބާރުތަކުން ހަނގުރާމައިން ވަކިވާން ފެށުމާއެކު، ހޫތީންނަށް ހަނގުރާމައިގައި ބޮޑެތި ކުރިއެރުންތަކެއް ލިބުނުކަމަށް ބައެއް މީޑީއާތަކުން ރިޕޯޓުކުރެ އެވެ. އަދި 2022 ވަނަ އަހަރު ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު، ޔަމަނަށް ކޮންމެވެސް ވަރެއްގެ އަމާންކަމެއް ލިބުނެވެ.
އެހެންނަމަވެސް، ޔަމަނުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި އޮތުމުން 2025 ވަނަ އަހަރުގެ ފަހުކޮޅު ޔަމަންއިން ވަކިވުމަށް މަސައްކަތްކުރާ ޖަމާއަތްތަކުން އަލުން ހަރަކާތްތެރިވާން ފެށުމާއެކު، ހަނގުރާމައެއްގެ ބިރުވެރިކަން އަނެއްކާވެސް އެބައޮތްކަމަށް މީޑިއާތަކުން ރިޕޯޓުކުރެ އެވެ.