ހުޅުމާލެ ފޭސް 3 ހިއްކަމުން ދާ ސަރަހައްދުން 49 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފި އެވެ.
މިއާއެކު މަސައްކަތަކުގެ ގާތްގަނޑަކަށް 78 އިންސައްތަ ނިމި ބާކީ ހިއްކަން އޮތީ އެެންމެ 14 ހެކްޓަރެވެ. އެ ސަރަހައްދުން ޖުމްލަ ހިއްކުމަށް ހަމަޖެހިފައި އޮތީ 63 ހެކްޓަރުގެ ބިމެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ހިނގަމުންމިދާ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހަށް ނިންމާލެވޭނެކަމަށާއި އެއާއެކު ގޯތި ހަވާލުކުރުމުގެ މަސައްކަތްތައް ކުރިޔަށްދާނެކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވެ އެވެ.
ހުޅުމާލޭގެ މާސްޓަޕްލޭންގައި ކުރިން އޮތީ އެ ސަރަހައްދު ނުހިއްކާ ގޮތަށެވެ. މާސްޓަޕްލޭންގައި އޮތީ ހުޅުމާލެ 3 އާއި ފަރުކޮޅުފުއްޓާ ދެމެދުގައި ކޯރެއް އޮންނަ ގޮތަށެވެ. އެ ދެ ސަރަހައްދު ގުޅުވާލުމަށް ޗެނަލް ބްރިޖުތައް އަޅާ ގޮތަށެވެ. އަދި ފަރުކޮޅުފުށީގައި ހެރިޓޭޖު ވިލެޖެއް ހެދުމުގެ މަސައްކަތް ވެސް އެޗްޑީސީން ފެށިއެވެ.
ނަމަވެސް އެޗްޑީސީން މިދިޔަ މެއި މަހު މާސްޓަޕްލޭނަށް ބަދަލު ގެނެސް އެ ސަރަހައްދު އެއްކޮށް ހިއްކާ ގޮތަށް ވަނީ ބަދަލުގެނެސްފައެވެ. އެޗްޑީސީން ނިންމީ ހުޅުމާލެ ދޭކާއި ތިނަކާ ދެމެދުގައި ކުރިން "ކޯރެއްގެ" ގޮތުގައި ކަނޑައަޅާފައި އޮތް ބައި ހިއްކައި، ދެ ސަރަހައްދު އެއްކޮށްލާށެވެ. އެ ބައި ހިއްކަނީ އެ ސަރަހައްދުގެ ކަނެކްޓިވިޓީ ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރަން ގެންނަ ބަދަލެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ އެމްއޭސީއެލްގެ ދަށުން ހަދާފައިވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އިންނެވެ.