ރާއްޖެއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 69،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފި އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ އިން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން 69،564.2 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.

މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 37،213.2 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 32،351 މެޓްރިކް ޓަނު އިތުރުވުމެކެވެ. ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ.

އެގޮތުން ނޮވެމްބަރުގެ ނިޔަލަށް 53،075 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ބޭރުކުރީ 21,447 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ. ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް 8,096 މެޓްރިކް ޓަނުގެ މަސް ބޭރުކުރިއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 5,788 މެޓްރިކް ޓަނުގެ މަސް ބޭރުކުރި އެވެ.