ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި ކުންފުނީގެ ވެރިޔާގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މުދާ އެތެރެކުރާ "ރާސް މޯލްޑިވްސް" ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ގދ. ތިނަދޫ، ގޯލްޑަން ހައުސް، މުހައްމަދު އާދިލް (57އ) އެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އޭނާގެ ބަންދަށް ފުރަތަމަ ދިން 5 ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން، ތަހުގީގަށް އިތުރު 15 ދުވަސް ދީފައިވާ ކަމަށެވެ.
މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ބަލައިފާސްކުރި މުދާތަކުގެ ތެރެއިން 40 ކިލޯއަށް ވުރެ ގިނަ ހަޝިޝް އޮއިލް ފެނިފައިވަނީ 10 ފޮށިގަނޑެއްގައި ހުރި ޗޮކްލެޓް ސިރަޕް ފުޅިތަކެއްގެ ތެރެއިންނެވެ. ކަސްޓަމްސްއިން އަންދާޒާކުރާ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 30 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާނެއެވެ. މި މައްސަލާގައި ދެން ހައްޔަރުކޮށްފައިވަނީ އެ ކުންފުނީގެ މުދާ ކްލިއާ ކުރުމަށް ކަސްޓަމްސްއަށް ދިޔަ ހއ. ހޯރަފުށި، އާފިޔާ، އަހުމަދު އަލީ (47އ) އެވެ. އޭނާ ޑިސެމްބަރު 26 ގައި ހައްޔަރުކުރުމަށްފަހު ކޯޓުން ވަނީ ބަންދަށް 10 ދުވަސް ޖަހާފައެވެ. ކުރިން އޭނާގެ ބަންދަށް 5 ދުވަސް ޖެހި ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ބުނެ ފުލުހުން މިއަދު ވަނީ އެކަން އިސްލާހުކޮށްފައެވެ.
ރާސް މޯލްޑިވްސްއަކީ މީގެ 16 އަހަރު ކުރިން ރަޖިސްޓަރީކޮށްގެން ރާއްޖެއަށް އެކި ބާވަތުގެ މުދާ އެތެރެކުރާ ކުންފުންޏެކެވެ. އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާގޮތުގައި އާދިލްގެ އިތުރުން މި ކުންފުނީގައި ދެން ހިއްސާ އޮންނަނީ އަންހެނެކެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.