ކުރިއަށް އޮތް 2 އަހަރަކީ ހާއްސަ ގޮތެއްގައި ކުދި ވިޔަފާރިތަކަށް ލުއި 2 އަހަރުކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެ.
"ތަރުޖަމާނާ އެކު" ޕޮޑްކާސްޓު ގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ކެބިނެޓުގައި މަޝްވަރާކުރުމުގެ ތެރެއިން 2026 އަދި 2027 އަކީ ހާއްސަ ގޮތެއްގައި ކުދި ވިޔަފާރިތަކަށް ލުއި ދެ އަހަރުގެ ގޮތުގައި ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒުކަމަށް އެމަނިކުފާނު ފާހަގަކުރައްވާފައިވާކަމަށެވެ.
މީގެ އިތުރުން މީގެ ކުރީ އަހަރުތަކާއި މި އަހަރާއި ތަފާތުތަކެއް ވާކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ކުރީގެ ސަރުކާރެއްގައިވެސް އެކޮނޮމިކް މިނިސްޓްރީގައި މަސައްކަތް ކުރެއްވިކަމަށެވެ. އެގޮތުން އޭރުގައި އޮންނަނީ މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓްގެ ނަމުގައި ކަމަށާއި މިހާރު ކެބިނެޓް މިނިސްޓްރީ އަކަށް ބަދަލުކޮށް މިނިސްޓްރީ އޮފް ޑިވަލޮޕްމެންޓްގެ އިތުރުން ޓްރޭޑް ހިމަނާފައިވުމުން ރައީސް މިކަމަށް ދެއްވާ ޝައުގުވެރިކަން ފާހަގަވާކަމަށް ސައީދު ވިދާޅުވިއެވެ.
ހަމަ މިއާއެކު ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއް ކަމަށް ފާހަގަކުރައްވާ ސައީދު ވިދާޅުވީ ވިޔަފާރި ބޮޑުވުމަކުންވެސް ކުޑަވުމަކުންވެސް އެކަމުން ބަރީއަ އެއް ނުވެވޭނެ ކަމަށެވެ. އަދި ބޭރުން މުދާ އެތެރެ ކުރުމުގައި އެންމެ ބޮޑު ހުރަހެއް އަންނާނީ ކަނޑުގެ ބަނދަރާއި ވައިގެ ބަނދަރުން ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
އެގޮތުން ކުރީގައި ކްލިއަރެންސް ވަގުތުގެ ގޮތުގައި ދީފައިވާ މުއްދަތަކީ 3 ދުވަސްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކްލިއަރެންސް ވަގުތު މިހާރު 5 ދުވަހަށް އިތުރުކޮށްފައިވާކަމަކެވެ. އަދި މި ކަމުގެ ސަބަބުން ގިނަ ވިޔަފާރި ވެރިންނަށް އެތަކެއް ލުއިތަކެއް ލިބިގެންދާނެ ކަމަށް ސައީދު މައުލޫމާތުދެއްވިއެވެ.
މީގެ އިތުރުން ބޭރުން އެތެރެކުރާ އެކި މުދަލުގެ އަދަދާއި އެއާ ކާގޯ ގެ އަދަދު މަތިވެފައިވާކަމަށް ސައީދު ފާހަގަކުރެއްވި އެވެ. އަދި މީގެ ކުރިން ޑިވަރޭޖް ފީ ޗާޖު ކުރަނީ ދެ ގަޑި އިރާ ތިންގަޑި އިރުން ކަމަށް ފާހަގަ ކުރައްވާ ސައީދު ވިދާލުވީ މިހާރު އެކަން ފަސް ފަސްދުވަހަށް އިތުރުކޮށްފިވާކަމަށެވެ.
ހަމަމިއާއެކު ފިނޭންސް މިނިސްޓްރީ އިން މީރާ އާ ގުޅިގެން ކުދި ވިޔަފާރިތަކަށް ދެވެން އޮތް ލުއިތަށް ހޯދާ އަވަސް މުއްދަތެއްގައި އެކަންކަން ހާމަކުރާނެކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި އަހަރަކީ ދިވެހި ރާއްޖޭގެ އުފެއްދުންތެރި ކަމުގެ އަހަރުކަމަށް ރައީސް ވަނީ މިދިޔަ އަހަރު ކަނޑައަޅުއްވާފައި ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އަދި ފާއިތުވެ ދިޔަ އަހަރުގައި ބާއްވާފައިވާ އެކްސްޕޯގެ ވާހަކަ ފާހަގަކުރައްވާ ސައީދު ވިދާޅުވީ މި އަހަރު ބާއްވަން ހަމަޖައްސާފައިވާ އެކްސްޕޯ އަކީވެސް ކުދި ވިޔަފާރިތަކާއި ރައްޔިތުންގެ އެއްބާރުލުމާއި ބައިވެރި ވުން އެކި ދާއިރާތަށް ހިމެނޭހެން އިއުލާންކުރެވިގެން ނަތީޖާތަކެއް ފެނިގެންދާނެ އެކްސްޕޯ އެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ އެކްސްޕޯއެއް ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
ހަމަ މިއާއެކު ސައީދު ވިދާޅުވީ ޖުމްލަ އިކޯ ސިސްޓަމެއް މި ގުޅެނީ ސަރުކާރުގައި އޮންނަނިޒާމުގައި ބީސީސީ އަދި އެސްއެމްއީ ޑިޖިޓަލް ހިމެނިގެންކަމަށެވެ. އެގޮތުން އޮތެންޓިކް މޯލްޑިވްސް އަކީ އެފަދަ އެއްތަން ކަމަށާއި އެތަނަކީ ލިސްޓު ކޮށްފައިވާ ކުދި ވިޔަފާރިތަކުން އުފައްދާ ރާއްޖޭގެ އުފެއްދުންތަށް ވިއްކަން ބަހައްޓާ ތަނެއްކަމަށް ސައީދު ފާހަގަކުރެއްވިއެވެ. ހަމަ މި އާއެކު މިހާރު 400 އެއްހާ ވިޔަފާރިވެރިން އުޅޭނެކަމަށް ސައީދު މައުލޫމާތުދެއްވިއެވެ.
އެހެން ކަމުން އެޔަކީ ވެސް ކުދި ވިޔަފާރިތަށް ހިންގާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ސައީދު ވިދާޅުވިއެވެ.