ރަށު ފެންވަރުގައި ކުނި މެނޭޖުކުރާ މަރުކަޒުތައް މި ދެ އަހަރުގެ ތެރޭގައި 20 ރަށެއްގައި ގާއިމުކޮށް ނިންމާ ކައުންސިލުތަކާ ހަވާލުކޮށްފައިވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާއި ހާސިލުކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ވަށާޖެހޭ ކުނި މެނޭޖުކުރާ ނިޒާމުތަކެއް ގާއިމުކުރުމަށްކަމަށެވެ. މި ނިޒާމު ތަރައްގީކޮށް ނިމޭއިރު ހުރިހާ ރަށެއްގައިވެސް ކުނި މެނޭޖްކުރުމަށް ބޭނުންވާނެ ހުރިހާ ކަމެއް ގާއިމުކޮށް މީހުން ތަމްރީނުކުރެވިގެންދާނެކަމަށެވެ.

ކުނި މެނޭޖުކުރުމަށް އެކުލަވާލާފައިވާ މާސްޓަރ ޕްލޭންގައި ރާއްޖެ 7 ބަޔަކަށް ބަހާލާފައިވާއިރު އެ ޕްލޭންގެ ދަށުން ކުނި އުފެދޭ ހިސާބުން އެކުނި ނައްތާލުމާ ހަމައަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުނި މެނޭޖްކުރުމަށް ރަށްރަށުގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް އަލި އަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ 55 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު އަލަށް ގާއިމުކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވާކަމަށެވެ. އަދި 80 ރަށެއްގައި މީގެކުރިން ގާއިމުކޮށްފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތައް އަޕްގްރޭޑްކުރުމަށް ކޮންޓްރެކްޓް ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފަނާވާ ޒާތުގެ ކުނި ކޮމްޕޯސްޓަށް ބަދަލުކުރުމަށް ބޭނުންވާ މެޝިނަރީ 6 ރަށަކަށް މިދިޔަ އަހަރު ވަނީ ފޯރުކޮށްދީފައިވާކަމަށާއި އަދި އިތުރު 4 ރަށެއްގައި މި ނިޒާމު ގާއިމުކުރުމަށް މަސައްކަތް ކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ރަށު ފެންވަރުގެ ނިޒާމު ތަރައްގީކުރުމަށް އެކި ކަހަލަ އިކުއިޕްމަންޓްތައް ރަށްރަށަށް ފޯރުކޮށްދެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކަނޑު މަގުން ކުނި އުފުލުމަށް އެކަމަށް ޚާއްސަކުރެވިގެން ޑިޒައިންކޮށް ލޭންޑިން ކްރާފްޓެއް ބަނދެ މިހާރު ވަނީ ރާއްޖެ އެއް ލޭންގިންގ ކްރާފްޓް ގެނައުމުގެ މަސައްކަތް ކުރަމުންދަނީ. ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރަމުންދަނީ ރީޖަންތަކަކަށް ބަހާލައިގެން ވީމަ ކޮންމެ ރީޖަނަކަށްވެސް މިފަދަ އުޅަނދުތައް ބޭނުންވޭ ރަށްރަށުގައި ނައްތާނުލެވޭ ކުނި އުފުލަން. އެހެންވީމަ އެފަދަ އުޅަނދުތައް ހޯދުމުގެ މަސައްކަތް ކުރަނީ

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމް

މީގެއިތުރުން މިކަމަށް މީހުން ހޭލުންތެރިކުރުވުމަށް 200ށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ މަހާސިންތާއެއް ބާއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިދާއިރާއިން މީހުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.