މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ އެކްރެޑިޓޭޝަން ގަވާއިދުތަކާ ޚިލާފަށް، ހުއްދަ ހޯދުމަކާ ނުލައި ރާއްޖޭން ބޭރުގެ އެކި މަރުކަޒުތަކުގައި ޕްރޮގްރާމްތައް ހިންގައި ސަނަދު ދޫކުރަމުންދާތީ އެވިޑް ކޮލެޖަށް ނަސޭހަތްތެރިވެ އެކަން އާންމުކޮށް އަންގައިފިއެވެ.

އެމް.ކިއު.އޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެވިޑް ކޮލެޖުން ސްރީލަންކާގެ އެމަޒޯން ކޮލެޖާއި އަލްޒެޓް ޔުނިވަރސިޓީގައި ޕްރޮގްރާމްތައް ހިންގައި ދަރިވަރުންނަށް ސަނަދު ދީފައިވާކަން އެކި ފަރާތްތަކުން ހުށަހެޅި މައުލޫމާތުން ކަށަވަރުވެފައިވާ ކަމަށެވެ. މީގެ އިތުރުން، އިތުރު ފަސް މަރުކަޒެއްގައި އެވިޑް ކޮލެޖްގެ ޕްރޮގްރާމްތައް ހިންގާނެކަމަށް ބުނެ އިޝްތިހާރު ކުރަމުންދާކަން ވެސް އެ އޮތޯރިޓީގެ ތަހުގީގަށް ވަނީ އެނގިފައެވެ.

ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓަރީނުކޮށް، އެވިޑް ކޮލެޖުން ހުއްދަޔާ ޚިލާފަށް ހިންގާ މި ޕްރޮގްރާމްތައް ހުއްޓާލުމަށް އެމް.ކިއު.އޭ އިން ތަކުރާރުކޮށް އެންގުމުންވެސް އެކަން އިސްލާހުކޮށްފައި ނުވާކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މިފަދަ ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާއަށް އޮންނަ ބައިނަލްއަޤްވާމީ އިތުބާރު ގެއްލި، ގައުމުތަކުގެ ގުޅުމަށް ބުރޫއަރައި، ރާއްޖޭގެ ސަނަދުތަކުގެ ފެންވަރާމެދު ސުވާލު އުފެދުމުގެ ފުރުޞަތު އޮތްކަން އެމް.ކިއު.އޭ އިން ފާހަގަކުރެއެވެ. އަދި ބޭރުގެ ދަރިވަރުންނަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ރާއްޖެއަށް ކިޔަވަން އަންނަ ދަރިވަރުން މަދުވެ، ރާއްޖޭގެ ތަޢުލީމީ މިންގަނޑުތަކަށް އޮންނަ ޔަޤީންކަން ކުޑަވެގެންދާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމަށް ކަނޑައެޅިފައިވާ ގަވާއިދުތަކާ އެވިޑް ކޮލެޖުން ތަކުރާރުކޮށް ޚިލާފުވަމުންދާތީ، އެ ކޮލެޖަށް ނަސޭހަތްތެރިވެ މި ފިޔަވަޅު އަޅާފައިވަނީ ހުއްދަ ނުހޯދާ ބޭރުގައި ޕްރޮގްރާމްތައް ނުހިންގުމަށް ތަފާތު އެކި ފަހަރުމަތިން އެންގުމަށްފަހުގައެވެ.