ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ދޫކުރުމަށް ރަށު ކައުންސިލުގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް ހައުސިންގ މިނިސްޓްރީން އުސޫލެއް އާއްމުކޮށް، އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅުމަށް ހުޅުވާލުމަކީ ލޯކަލް ކައުންސިލު އިންތިޚާބަށް ނުފޫޒުފޯރުވުމަށް ސަރުކާރުން ކުރާ ކަމެއްކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.
ހައުސިންގ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ތުޅާދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެ ރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކަށް ކުރިމަތިލުމަށް ޖެނުއަރީ މަހުގެ 11 ގައި ހުޅުވާލާނެ ކަމަށެވެ. އެ ފްލެޓުތައް ދޫކުރާނީ އެ ޔުނިޓުތައް ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލުގެ ދަށުން ކަމަށް ބުންޏެވެ. އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އޭޕްރީލް 11 ގެ ނިޔަލަށް ދޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އަދި، އެމް.ޑީ.ޕީގެ ފުރަތަމަ ސަރުކާރުގައި، އެކަމަށް ހާއްސަކޮށް އެކުލަވައިލެވުނު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުންހިންގުމުގެ ޤާނޫނަށް އަމަލުކުރަން ފަށައި، ލޯކަލް ކައުންސިލްތައް ގާއިމުކުރުމަށްފަހު، ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށުގައި ހިދުމަތްތައް ދިނުމަށް ބޭނުންވާނެ ބާރުތަކާއި ވަސީލަތްތައް ކައުންސިލްތަކަށް ދިނުމަށް ޓަކައި މުހިންމު އިސްލާހުތައް ގާނޫނަށް ގެނެސްފައިވާކަމަށެވެ.
އެހެން ނަމަވެސް، މި ސަރުކާރުގެ ދައުރު ފެށުމާއެކު، އަނެއްކާވެސް މި ވަނީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވައިލައި، އިދާރީ ހިންގުމުގެ ބާރުތައް ވުޒާރާތަކަށް ޖަމާކުރަން ފަށާފައިކަމަށެވެ.
މިގޮތުން، އެމް.ޑީ.ޕީ ސަރުކާރުން ތުޅާދޫގައި ބިނާކޮށް ނިންމައިފައިވާ 100 ހައުސިންގ ޔުނިޓު، އޭގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތްތައް ރަށު ކައުންސިލުން ކުރަމުން ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން މި މަސައްކަތްތައް ހުއްޓުވައިފައިވާ ދަނޑިވަޅެއްގައި، މި ހައުސިންގ ޔުނިޓުތައް ހަވާލުކުރުމުގެ އިދާރީ މަސައްކަތްތައް ސަރުކާރުން ވަނީ ކޯޓު އަމުރާ ޚިލާފަށް ކުއްލިއަކަށް ހައުސިންގ މިނިސްޓްރީގެ ދަށަށް ނަގާފައިކަމަށް އެމްޑީޕީން ބުނެއެވެ.
މި ހައުސިންގ ޔުނިޓުތައް ދޫކުރުމަށް ރަށު ކައުންސިލުގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް މިނިސްޓްރީން އުސޫލެއް އާއްމުކޮށް، އަންނަ އޭޕްރިލް މަހުގެ11 ވަނަ ދުވަހުގެ ނިޔަލަށް ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ހުޅުވައިލުމަކީ ސީދާ ޤާނޫނޫއަސާސީއާއި ލާމަރުކަޒީ ޤާނޫނާ ހިލާފަށް އަދި ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަމެއްކަމަށް އެމްޑީޕީން ބުނެއެވެ.
މިއީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށްމަކަރުވެރި ރޭވުމެއްގެ ތެރެއިން ސަރުކާރުން ކުރާ ކަންކަން ކަމުގައި ވާތީ، އެ ކަންކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އަދި، ސަރުކާރުގެ މި އަމަލުތައް ހުއްޓުވުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް ތުޅާދޫ ކައުންސިލަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
ތުޅާދޫގައި އެޅި 100 ހައުސިން ޔުނިޓް ކުރީގެ ސަރުކާރުގައި އޭރުގެ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކަނޑައެޅި އުސޫލާ އެއްގޮތަށް އެ ބޭނުންވާ މީހުންނަށް ހުޅުވާލައި، ފޯމުތައް އިވެލުއޭޓްކޮށް ޔުނިޓް ހަވާލުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ތުޅާދޫ ކައުންސިލާއެވެ.
ނަމަވެސް އެ ދޫކުރަން ކަނޑައެޅި އުސޫލަކީ ބާތިލު އެއްޗެއް ކަމަށް ކަނޑައަޅާއި އިސްލާހު ކުރި އުސޫލަށް ބިނާކޮށް އޮކްޓޯބަރު 9، 2023 ގައި ތުޅާދޫ ކައުންސިލް އިދާރާ އިން ޝާއިއުކުރި ވަގުތީ ލިސްޓަކީ ބާތިލް ލިސްޓެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް މީހަކު މައްސަލައެއް ހުށަހެޅިއެވެ.
އެކަމާ ގުޅިގެން ކުރި ހުކުމްގައި ވަނީ އުސޫލަށް ގެނައި ބަދަލަކީ ޝަރުއީ އަދި ގާނޫނާ ހިލާފު ބަދަލެއް ކަމަށެވެ. އެހެންވެ މިނިސްޓްރީން ދިން ލަފާ އަދި މެއި 11، 2022 ގައި އާއްމުކުރި އުސޫލަށް އަމަލު ކުރުމަށް ހުކުމް ކުރި ނަމަވެސް އޭގެ ފަހުން އެކި މައްސަލަތަކާ ހުރެ އެ ފްލެޓުތައް ހުރީ ހަވާލުނުކުރެވިއެވެ.
އެހެންވެ، އެ ފްލެޓުތަކުގެ މައްސަލަ ބޮޑުވެ، އެތަންތަން ހަވާލުކުރުމާ އެންމެ ފަހުން މިނިސްޓްރީން ހަވާލުވީ ނޮވެމްބަރ މަހުއެވެ.