މުސްލިމު, ޒުވާން އަންހެނުންގެ ޒީނަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނަން ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ސިވިލް ސާވަންޓުން ހެދުން އެޅުމުގެ މިންގަނޑުތައް މިދިޔަ ހަފްތާގައި ވަނީ އާންމުކޮށްފައެވެ. މިގޮތުން، އަންހެން މުވައްޒަފުންގެ ހެދުން ހުންނަންވާނީ ކަރުވަޅާއި، ބުޑު ނިވާވާ ގޮތަށް ކަމަށް ބުނެފައިވެއެވެ. އަދި، އަންހެން މުވައްޒަފުން އިސްތަށިގަނޑުގައި ކުލަ ޖެއްސުން ވަނީ މަނާކޮށްފައެވެ.

އެ ގަވާއިދަށް ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުސްލިމު ޖިންސުއްލަތީފުންގެ ޒީނަތްތެރިކަމާއި ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނާކަށް ނުޖެހޭ ކަމަށެވެ.

ނަޝީދު އެ ފަދައިން ވިދާޅުވިއިރު، އެމްޑީޕީގެ އަންހެނުންގެ ރޫހުންވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ހަމައެކަނި އަންހެން ސިވިލް ސާވަންޓުންނަށް މި ފަދަ އުސޫލެއް ތަންފީޒުކުރުމަކީ، މުވައްޒަފުންގެ އަޚުލާގާ ގުޅޭ އުސޫލެއް ނޫން ކަމަށާއި ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން އެނގޭކަން އެ ޕާޓީން ވަނީ ބުނެފައެވެ. އަދި، އެ އުސޫލުތައް އުވާލުމަށް ސިވިލް ސާވިސް ކޮމިޝަނަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.