2025 ވަނަ އަހަރުގެ މުހިންމު ހުރިހާ ހަބަރެއް އެއް ތަނަކުން ފެންނާނެ ގޮތަށް "ނިމުނު 52 ހަފުތާ 2025"ގެ ނަމުގައި ޕީއެސްއެމް ނިއުސް އިން ފޮތެއް ނެރެފިއެވެ.

ޕީއެސްއެމް ނިއުސްއިން ތައްޔާރުކުރި މި ފޮތް ނެރެދެއްވީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ.

"ނިމުނު 52 ހަފްތާ 2025" އަކީ އަހަރުގެ 52 ހަފުތާގައި ހިނގައިދިޔަ މުހިންމު ހުރިހާ ކަމެއް އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ ފޮތެއްކަމަށް ޕީއެސްއެމްއިން ބުނެ އެވެ. މި ފޮތުގައި ހުރި ހުރިހާ ޚަބަރަކީ ޕީސްއެމް ނިއުސްރޫމުގެ ނޫސްވެރިން ލިޔެފައިވާ ޚަބަރުތަކެވެ.

މި ފޮތުގެ މުޅި ލޭއައުޓް ހަދައި ފޮތެއްގެ ސިފައިގައި ނެރުމަށް އެންމެ ބޮޑު ދައުރެއް އަދާކުރީ ޕީއެސްއެމް ނިއުސްގެ އިންފޯގްރެފިކްސް ޓީމުގައި ހަރަކާތްތެރިވާ ޢާއިޝަތު އިޒުވީނާ ކަމަށް ޕީއެސްއެމް އިން ބުނެ އެވެ. އަދި ފޮތުގެ ކުށް ފިލުވައި ފުރިހަމަކުރުމަށް ޚާއްސަ ޓީމަކުން މަސައްކަތް ކޮށްފައިވާކަމަށް ވެސް ޕީއެސްއެމްއިން ބުނެ އެވެ.

ފޮތް އިފްތިތާހްކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޑެޕިއުޓީ ޑިރެކްޓަރ ނިއުސް އެންޑް ކަރަންޓް އެފެއާޒް އަހުމަދު ޖަދުއާން ވިދާޅުވީ، މި މަސައްކަތުގައި ޕީއެސްއެމްގެ ނޫސްވެރިން ކުރެއްވި ބުރަ މަސައްކަތަކީ މި ފޮތް ނެރުމުގެ ހަގީގީ ފެށުންކަމަށެވެ.

މިފޮތަކީ އާންމު ރައްޔިތުންނަށާއި ނޫސްވެރިންނަށާއި، އޮފީސްތަކާއި ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންގެ އިތުރުން މައުލޫމާތަށް ލޯބިކުރާ ފަރާތްތަކަށް ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ ފޮތެއް ކަމަށް ޕީއެސްއެމްއިން ދެކެ އެވެ.