ހަނިމާދޫ އެއާޕޯޓު އިންޑިޔާ މީހުންނާ ދިނުމުގެ ވާހަކަތައް ދެކެވުމުގެ އަޑުތައް ގަދަވެފައި ވަނިކޮށް ހަނިމާދޫ އެއާޕޯޓަކީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހެދުމަކީ ރަނގަޅު ކަމަކަށް ވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ ސަރަހައްދީ އެއާލައިނެއްގެ މައި ހަބަކަށް ހަދައި އެ އެއާލައިނާ ގުޅިގެން އެއާޕޯޓު ހިންގަން ފަށައިފިނަމަ ދިވެހިންނަށް ލިބޭ ފައިދާ ބޮޑު ވާނެ ކަމަށެވެ. އަދި މުޅި ބޮޑު އުތުރުގެ ތަރައްގީއަށް ފަހިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެންނަމަވެސް އެއާޕޯޓު ހިންގުން އެއްކޮށް މުޅިން އެހެން އެއާލައިނަކަށް ދިނުމުގެ ވާހަކައެއް ނަޝީދު ދައްކަވާފައެއް ނުވެ އެވެ.

އިންޑިޔާގެ ނޫހެއްގައި ހަނިމާދޫ އެއާޕޯޓު ހިންގަން ދިނުމަށް އިންޑިޔާއިން އެދިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އެކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ އެއްވެސް އެއާޕޯޓެއް ހިންގުމަށް ބޭރު ބަޔަކަށް ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނުވަތަ ކުރީގެ ގޮތުން ނަމަ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ޖީއެމްއާރް ކުންފުންޏާ ހަވާލުކުރީ ވެސް ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ.

އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރުމުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ޖީއެމްއާރްއަށް 271 މިލިއަން ޑޮލަރު ދެއްކުމަށް މިމައްސަލަ ބެލި ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން އަމުރުކުރި އެވެ.

އެއާޕޯޓާ ޖީއެމްއާރުން ހަވާލުވީ 28 ޖޫން 2010 ގައެވެ. މި އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ބާތިލްކުރީ ޖީއެމްއާރާއި ދެކޮޅަށް ދިވެހިން ކުރި އިހުތިޖާޖުތަކަށް ފަހު 27 ނޮވެމްބަރު 2012 ގައެވެ. އަލުން އެއާޕޯޓާ ދިވެހި ސަރުކާރުގެ ފަރާތުން މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން ހަވާލުވީ 7 ޑިސެމްބަރު 2012 ގައެވެ.