ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުގެ ވާހަކަ ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގައި ބަޔާންކުރައްވާފައިވަނީ، އެ ދުވަހުން އިބުރަތް ހާސިލުކޮށް އެންމެހައި މީސްތަކުން އެ ދުވަހަށް ތައްޔާރުވުމަށްޓަކައި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "މާތް ﷲގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް" މިއެވެ.
ޚުތުބާގައި ބުނެފައިވަނީ، ދުނިޔަވީ ހަޔާތަކީ ވަގުތީ ހަޔާތެއް ކަމަށާއި، ކޮންމެ އިންސާނަކީވެސް މަރުގެ ރަހަ ދެކޭނެ މީހެއް ކަމަށެވެ. އަދި އިންސާނުން ހެއްދެވީ ބޭކާރު ގޮތެއްގައި ނޫން ކަމަށާއި، އެންމެހައި މީސްތަކުން މާތް ﷲގެ ހަޟުރަތަށް ރުޖޫޢަވާންޖެހޭނެކަން ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.ޚުތުބާގައި ފާހަގަކޮށްފައިވާގޮތުގައި، ދުނިޔޭގެ އިމްތިޙާނަށްވުރެ ބޮޑު އިމްތިޙާނެއް އާޚިރަތް ދުވަހު އޮތްއިރު، އެ އިމްތިޙާނުގައި ދެވަނަ ފުރުޞަތެއް ނޯންނާނެއެވެ.
އެ ދުވަހަކީ މުއްސަނދިންނާއި ފަޤީރުން، ވެރިންނާއި ރައްޔިތުން، އަދި އަންހެނުންނާއި ފިރިހެނުންވެސް ހަމަހަމަވެގެންވާ ގޮތެއްގައި މާތް ﷲގެ ހަޟުރަތުގައި ހިސާބުކުރެވޭނެ ދުވަހެވެ. އަދި އެ ދުވަހުގެ ބިރުވެރިކަން ބޮޑުކަމުން، އެކަކު އަނެކަކަށް އެހީތެރިވެދޭނެ މީހަކު ނުހުންނާނެ ކަމަށާއި، ކޮންމެ މީހަކުވެސް އުޅޭނީ އެމީހެއްގެ އަމިއްލަ ނަފުސުގެ ސަލާމަތަށްޓަކައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މަޙުޝަރުގެ މައިދާނުގައި ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތެއްގައި މީސްތަކުން ތިބެންޖެހޭއިރު، ތަޤުވާވެރި މުއުމިނުންނަށް އެ ދުވަސް ވެގެންދާނީ މެންދުރު ނަމާދާއި ޢަޞުރު ނަމާދާ ދެމެދުގެ ވަގުތުކޮޅެއް ފަދަ ކުރު ވަގުތުކޮޅަކަށް ކަމަށް ރަސޫލާގެ ޙަދީޘްފުޅުތަކާ ހަވާލާދީ ޚުތުބާގައި ބަޔާންކުރިއެވެ.ޚުތުބާގައި ބުނެފައިވާގޮތުގައި ނަމަވެސް، މާތް ﷲއަށް އުރެދުނު މީހުންނަށް އެ ދުވަސް ވެގެންދާނީ ދަތިކަންބޮޑު، ހިތްދަތި ދުވަހަކަށެވެ.
އެގޮތުން ބައެއް މީހުން އެމީހުންގެ ގައިން އޮހޮރޭ ދަލުގެ ތެރޭގައި ކަންފަތުގެ މެދާ ހަމައަށް ގެނބިފައި ތިބޭނެކަންވެސް ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ.ޚުތުބާ ނިންމާލަމުން ބުނެފައިވަނީ ޤިޔާމަތް ދުވަހަކީ އެންމެހައި މީސްތަކުން އަލުން ދިރުއްވައި މަޙުޝަރުކުރައްވާނެ ދުވަސް ކަމަށާއި، އެއީ ޢަދުލު އިންސާފުގެ ތިލަފަތުން ނިޔާ ކަނޑައެޅޭނެ ދުވަސް ކަމަށް ބުނެފައިވެއެވެ. އެހެންކަމުން، ކޮންމެ މީހަކުވެސް އެ ދުވަހަށްޓަކައި ހެޔޮ އަމަލުތައް އިތުރުކޮށް، ދުނިޔޭގެ ދަޅަގަނޑަށް ހެއްލުންތެރިނުވެ ތަޤުވާވެރިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.