ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ ކުންފުންޏެއް ހަވާލުވެ ދިނުމަށް ރާއްޖޭން އެދިފައިވާ ކަމަށް, އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

މިދިޔަ އެމްޑީޕީ ވެރިކަމުގައި އިންޑިއާއިން ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހަނިމާދޫގައި ތަރައްގީ ކުރި ޒަމާނީ އެއާޕޯޓް ހުޅުވީ, މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އެ އެއާޕޯޓު ހުޅުވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބު އަދި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ "ދަ ހިންދޫ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި, އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު, އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުގައި, ދިވެހި ސަރުކާރުގެ ފަރާތުން މިކަމަށް އެދިވަޑައިގަތީ ރައީސް މުހައްމަދު މުއިއްޒެވެ.

އެއާޕޯޓު ހިންގުމަށް ހަވާލުވުމާ ނުވަތަ ނުވުމާ މެދު ގޮތެއް ނިންމުމަށް, އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) އިން ދިރާސާ ކުރުމަށް އެ ގައުމުގެ ސަރުކާރުން މިހާރު އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށް ވެސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.

މީގެ ކުރިން ވެސް ވަނީ ހަނިމާދޫ އެއާޕޯޓް ހިންގުމަށް އިންޑިއާގެ އެހީއަށް މި ސަރުކާރުން އެދިފައިވާ ކަމުގެ އަޑުތައް ފެތުރިފައެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ކުރިން ވަނީ އެކަން ދޮގުކުރައްވައިފައެވެ.

އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް, އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ވިއްކަން ހެދި 'ފައްޓަރު ބައެއް' ނޫން ކަމަށާއި "އެ ޖަވާހިރުން" ބިނާކުރާނީ އުފާވެރި ބޮޑުތިލަދުންމައްޗެއް ކަމަށެވެ.