ނިމިދިޔަ 2025 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންނަށް 927 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މިހާރު ދަނީ ފައިސާ ދޫކުރަމުންނެވެ. މިފްކޯއިން ބުނީ، މި އައު އުސޫލަށް އަމަލުކުރަން ފެށުމާއެކު މަސްވެރިކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރު އެ ކުންފުންޏަށް 58،000 އަށްވުރެ ގިނަ ޓަނުގެ މަސް ވަނީ ކިރުވާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް މުޅި ޖުމްލަ 927,867,656 (ނުވަ ސަތޭކަ ހަތާވީސް މިލިއަން) ރުފިޔާ ވަނީ ދޫކޮށްފައެވެ. އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ފެބުރުވަރީ މަހުގައެވެ. އެ މަހު އެކަނިވެސް 138.9 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކުރިއެވެ.
ނިމިދިޔަ އަހަރަކީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މުހިންމު ނިންމެވުންތަކެއް ތަންފީޒުކުރަން ފެށި އަހަރެކެވެ. އެގޮތުން، މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަށް ހެދުމެވެ. މި މަގުސަދުގައި ރާއްޖޭގައި މަސް ރައްކާކުރެވޭ މިންވަރު ދެގުނަ ކުރުމާއި، މަސް ޕްރޮސެސިންގ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.