ބ.ދޮންފަނުގައި އިއާދަކުރުވަނިވި ހަކަތަ އުފެއްދުމަށްޓަކައި، ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ފަށައިފިއެވެ.

މި މަޝްރޫއުގެ ތެރެއިން އެ ރަށުގައި 301 ކިލޯވޮޓް ޕީކްގެ ސޯލާ ޕެނަލްތަކާއި، 537.6 ކިލޯވޮޓް އަވާގެ ބެޓެރީ ސްޓޯރޭޖް ނިޒާމެއް ބެހެއްޓޭނެއެވެ. މިއީ ދޮންފަނުގައި ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު މަދުކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި ނިޒާމު ހިދުމަތަށް ގެނައުމުން، ކަރަންޓު އުފެއްދުމަށް އަހަރަކު ހޭދަވާ ޑީސަލްގެ ތެރެއިން ގާތްގަނޑަކަށް 141,443 ލިޓަރު ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. ހަމައެއާއެކު، ޖައްވަށް ދޫކުރާ ވިހަ ގޭސް ނުވަތަ ކާބަން ޑައިއޮކްސައިޑްގެ މިންވަރު އަހަރަކު 347 ޓަނަށްވުރެ ބޮޑަށް ދަށްވެގެންދާނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަކަތައިގެ ސިޔާސަތުގެ ދަށުން ހިންގޭ މަޝްރޫއެކެވެ. ރައީސްގެ އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށްދާއިރު، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ހަކަތައަށް ހެއްދެވުމެވެ.