ދިވެހިރާއްޖެއަށް ބަންގްލަދޭޝްއަކީ މުހިންމު ގައުމެއްކަމަށާއި، ދިވެހި މުޖުތަމަޢު ތަރައްގީކުރުމުގައި އެގައުމުގެ މަސައްކަތްތެރިންގެ މުހިއްމު ދައުރު އަދާކުރާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރް ޑރ.ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.
ހައިދަރު މިފަދައިން ވިދާޅުވީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ބަންގްލަދޭޝްއަށް ވަޑައިގެންނަވާ ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު ޔޫނުސްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.
މި ބައްދަލުކުރެއްވުން އޮތީ، އެގައުމުގެ ވެރިރަށް ޑާކާގައެވެ. މިނިސްޓަރ ޙައިދަރު، ބަންގްލަދޭޝްއަށް ވަޑައިގެންނެވީ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، އެޤައުމުގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
ބައްދަލުވުމުގައި ޗީފް އެޑްވައިޒަރ ދެއްކެވި ވާހަކަފުޅުގައި، މިނިސްޓާރ ޙައިދަރު، އެގައުމަށް މިފަދަ ދަތުރުފުޅެއް ކުރެއްވީތީ ޝުކުރު އަދާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ހައިދަރު ވަނީ ރައީސް މުޢިއްޒުގެ ފަރާތްޕުޅުން ތަޢުޒިޔާ ދަންނަވާ، ބޭގަމް ޚާލިދާ ޒިޔާއަކީ ރާއްޖެއާއި ގާތް ގުޅުމެއް ބޭއްވެވި ބޭކަނބަލެއްކަން ފާހަގަކުރައްވާފައެވެ. އަދި، ދިވެހިރާއްޖެއަށް ބަންގްލަދޭޝްއަކީ މުހިންމު ގައުމެއްކަމަށާއި، ދިވެހި މުޖުތަމަޢު ތަރައްގީކުރުމުގައި އެގައުމުގެ މަސައްކަތްތެރިންގެ ދައުރަށް، މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، ދިވެހި ދަރިވަރުން މެޑިކަލް އިންޓަރންޝިޕް ނިންމުމުގައިި އެގައުމުން ފަހިކޮށްދެމުންދާ ފުރުސަތުތަކަށްވެސް މިނިސްޓަރ ޝުކުރުއަދާކުރެއްވިއެވެ.