މުދައްރިސުންނަށް ޕްރޮމޯޝަން ލަސްނުކޮށް އެ ޙައްޤުވާ ދުވަހުން ފެށިގެން އެ ކުރިއެރުން ދިނުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ސްކޫލްތަކަށް އަންގައިފިއެވެ.

މިނިސްޓަރު މިގޮތަށް އަންގާފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީން ރާއްޖޭގެ ސްކޫލްތަކަށް ފޮނުއްވި ޚާއްޞަ ސާކިއުލާއެއްގައެވެ. އެ ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި، މުދައްރިސުންނާއި ތަޢުލީމީ ދާއިރާގެ ފަންނީ އެހެނިހެން މުވައްޒަފުންގެ ސްޓެޕް ޕްރޮމޯޝަން ދޭންވާނީ ޕޭ ފްރޭމްވަރކްގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށެވެ. އަދި އެ މުވައްޒަފަކަށް ޕްރޮމޯޝަން ޙައްޤުވާ ތާރީޚުން ފެށިގެން އެ ބަދަލު ގެންނަންވާނެ ކަމަށް މިނިސްޓްރީން ވަނީ ހަރުކަށިކޮށް އަންގާފައެވެ.

މިނިސްޓްރީގެ ސާކިއުލާގައި އިތުރަށް ބުނެފައި ވަނީ، މުސާރައިގެ ކުރިއެރުން ޙައްޤުވާ މުވައްޒަފުންނަށް އެ ކުރިއެރުން ދިނުމުގެ ކަންކަން އެޑިޔުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސަސް މެނޭޖްމަންޓް ޑިވިޒަނާ ގުޅިގެން ސްކޫލްތަކުން ކުރިއަށް ގެންދިއުމަށް މިނިސްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

މި މަސައްކަތްތައް ނިންމަންޖެހޭ ސުންގަޑިއެއްވެސް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޕްރޮމޯޝަންތަކާ ގުޅޭ އެންމެހާ މަސައްކަތްތައް 2026 ޖެނުއަރީ 31 ގެ ނިޔަލަށް އެއްކޮށް ނިންމަންވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.