2026 ވަނަ އަހަރުގެ ފުރަތަމަ ފަސިންޖަރަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
މި އަހަރުގެ ފުރަތަމަ ފަސިންޖަރުގެ ލަގަބު ލިބިފައިވަނީ އެތިހާދު އެއާވޭސް އިން ރާއްޖެ އައި ޖަރުމަންގެ ރައްޔިތެއް ކަމަށްވާ 54 އަހަރުގެ ތޯމަސް އެންޑްރޫ ހެލްވެގާއެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުންނާ އެކުއެވެ.
މިއީ ތޯމަސް އާއި އޭނާގެ އަންހެނުން ރާއްޖެ އައި ފުރަތަމަ ފަހަރެވެ.
ތޯމަސް އަށް މަރުހަބާ ކިއުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެރައިވަލް އޭރިއާގައި ވަނީ މިއަދު ހާއްސަ ހަފުލާއެއް ބާއްވައިފައެވެ. އެ ހަފުލާގައި ތޯމަސް އަށް އެމްއޭސީއެލްގެ ފަރާތުން މަރުހަބާ ވިދާޅުވީ ޕެސެންޖާ ސާވިސަސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުސްތާގުއެވެ.
މި ހަފުލާގައި ތޯމަސް އަށް ވަނީ އެމްއޭސީއެލްގެ ފަރާތުން ހާއްސަ ހަދިޔާއެއް ދީފައެވެ.
އެމްއޭސީއެލްގެ އަބަދުވެސް އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކާއި އެއާޕޯޓްތަކުގެ ހިދުމަތް ހޯދާ ހުރިހާ ފަސިންޖަރުންނަށް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.