2026 ވަނަ އަހަރު ޒުވާން ޚަތީބުންގެ އަދަދު ހާހަކަށް އަރާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވަނީ މިއަހަރު ކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ކަންކަން ހާމަކުރައްވާފައެވެ. ޚަތީބުންގެ އަދަދު ހާހަކަށް އަންނަ އަހަރު އަރާނެކަމަށް މިނިސްޓަރ ވިދާޅުވިއިރު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުންކަން ފާހަގަކޮށްލެވެއެވެ.

މިނިސްޓަރގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ 2026 ވަނަ އަހަރުގައި އިސްލާމީ ވުޒާރާއާއި ވުޒާރާގެ ދަށުން ހިނގާ މުއައްސަސާތަކުގެ 10 އަހަރުގެ އިސްތިރާޖީ ޕްލޭން އެކުލަވައިލެވިގެންދާނެކަމަށެވެ. ޒުވާން އިމާމުންނާއި ޒުވާން ޚަޠީބުންނާއި ޙާފިޒުންގެ ޤައުމީ މަހާސިންތާ ބޭއްވިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ހުޅުމާލެ ފޭސް 1 އަދި 2 ގައި ދާއިމީ 5 މިސްކިތް ހުޅުވި، އިތުރު 4 މިސްކިތެއްގެ މަޝްރޫޢު ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ މިސްކިތްތަކާއި ސެންޓަރުތަކާއި ވަޤުފު މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާނެކަމަށާއި ގިނަ ޢަދަދެއްގެ އިލްމީ ރިފަރެންސް ފޮތްތަކުގެ ދިވެހިތަރުޖަމާ ނެރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޤުރުއާން މަރުކަޒުގެ ގިނަ ގޮފިތައް ހުޅުވިގެންދާއިރު ހާފިޒުން އުފެއްދުމުގެ މަޝްރޫޢު ފުޅާކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2026 ގައި ރާއްޖޭގެ ޙާފިޒުންގެ އަދަދު 300 އިން މަތިވެގެންދާނެކަމަށް ވިދާޅުވިއެވެ.

އަދި ރައީސް އިޢުލާންކުރައްވާފައިވާ ޤުރުއާނަށް ޚާއްޞަ ވަޤުފު ބިލްޑިންގ މަޝްރޫޢު އަމަލީ ގޮތުން ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޒަކާތު ފަންޑާއި ވަޤުފު ފަންޑުގެ އިންވެސްޓްމަންޓްތައް އިތުރުވެގެންދާއިރު ޒަކާތު ޤާނޫނަށް ޢަމަލުކުރެވިގެންދާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޒަކާތު ބެނެފިޝަރީ ކާޑު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެކަމަށާއި އިސްލާމީ ޙަޟާރަތުގެ އަސާސްތައް ވަރުގަދަކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

އަދި 2026 ވަނަ އަހަރަކީ ރައީސް ޑރ މުއިއްޒުގ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވައުދުތަކަށް އިތުރު ފުރިހަމަކަން ލިބި އިސްލާމީ ގޮތުން ރާއްޖެއަށް ފާގަތި އަހަރަކަށް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.