ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހޭލުންތެރި ކުރަން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ) އިސްލާމިކް މިނިސްޓްރީގެ ވާއިޒް މުޝާރިކްގެ މަގާމަށް އައްޔަނުކޮށްފިއެވެ.
ވާއިޒް މުޝާރިކުންނަކީ އިސްލާމީ ވަހުދަތު ހިފެހެއްޓުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އައްޔަންކުރާ ބޭފުޅުންނަށް ކިޔާ ނަމެކެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މިނިސްޓްރީން ބުނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޝައިޚް ނައިފަރީއާ މިއަދު ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ވުޒާރާގެ 'ދައުވާ އެންޑް ގައިޑެންސް ސެކްޝަން'ގެ ވާއިޡު މުޝްރިކްގެ މަގާމަށް ޝައިޚް އައްޔަންކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މިއީ ޕަބްލިކް ސާވިސް ރޭންކު ހަތެއްގެ ވަޒީފާއެއް ކަމަށެވެ. އަދި އެއީ 14،225 ރުފިޔާގެ މުސާރަ ލިބޭ ވަޒީފާއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ޝައިޚް އިއްޔެއާ ހަމައަށް ހުންނެވީ ޅ. އަތޮޅު މަދްރަސަތުލް އިފްތިތާހުގެ އިސްލާމް ޓީޗަރުގެ މަގާމުގައެވެ. އެހެން ނަމަވެސް ލޮލުގެ ފެނުން ގެއްލުމާ ގުޅިގެން ޝައިޚް، ނޯ ޕޭ ލީވްގައި ހުންނަވާތާ ހަތަރު އަހަރުވެއްޖެއެވެ.
ޝައިޚަކީ ޓީޗަރަކަށް ހުންނެވިއިރު ވެސް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އަދި އަމިއްލަ ގޮތުން ވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރައްވާ ޚިދުމަތްތެރި އިލްމުވެރިއެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ.
އެހެންވެ ޝައިޚަށް އެއްވެސް އާމްދަނީއެއް ނުލިބި އެހާ ގިނަ ދުވަހު ހުންނާތީ، އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ޝައިޚްގެ ވަޒީފާ ބަދަލުކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގައި އެދުނީ ކަމަށް އެ މިނިސްޓްރީއިން މައުލޫމާތުދިނެވެ. އަދި މިނިސްޓްރީން މިގޮތަށް އެދިފައިވާތީ ސީއެސްސީއަށް ގާނޫނާ ގަވައިދުން ލިބިދޭ އިޚްތިޔާރުގެ ދަށުން ޝައިޚްގެ ވަޒީފާ ބަދަލުކުރި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
"ލޮލުގެ ފެނުން ދިޔަފަހުން ވެސް އެބޭފުޅާ ގެންދަވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރައްވަމުން. އެހެންވެ މިނިސްޓްރީން ބޭނުންނުވީ އެފަދަ ޚިދުމަތްތެރި ބޭފުޅެއްގެ ބޭނުން ނުހިފާ އެގޮތަށް ބަހައްޓަން،" މިނިސްޓްރީން ހިއްސާކުރި މެސެޖެއްގައި ބުންޏެވެ.
މި މަގާމުގައި ހުންނަވައިގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މިނިސްޓްރީން ކުރިއަށްގެންދާ އެކިއެކި ޕްރޮގްރާމްތަކުގައި ޝައިޚް ނައިފަރީ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޝައިހް މުހައްމަދު އިބްރާހިމް އާލާސްކަންފުޅާ އުޅުއްވާތާ ދެތިން އަހަރު ވެފައިވާއިރު، ދެ ލޮލުގެ ފެނުން ގެއްލި އެހެނިހެން ސިއްހީ މައްސަލަތަކާ ހެދި މަސައްކަތް ނުކުރައްވާތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. ޑޮކްޓަރުންގެ ލަފަޔާ އެކު ޝައިހް ވަނީ 2019 ގައި އަދި 2023 ގައި ވެސް ލޮލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެކަމަކު، އެއްވެސް ކުރިއެރުމެއް ނުލިބި ދެ ލޮލުގެ ފެނުން އެއްކޮށް ގެއްލުނީ އެވެ.
ލޮލުގެ ފެނުން ގެއްލުމުގެ އިތުރުން ވެސް ބައެއް އެހެން ސިއްހީ މައްސަލަތައް ޝައިހަށް ވަނީ ކުރިމަތި ވެފަ އެވެ. އޭގެ ތެރޭގައި ހަށިގަނޑުގައި ޓިއުމަރެއް އުފެދުމާއި ހިތުގެ މައްސަލަ ހިމެނެ އެވެ.
އެހީ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި، ޝައިހް ހަރަދު ކުރައްވަން ޖެހޭ ދަރިފުޅަކު ހުރިއިރު، ޝައިހަށް ލިބިވަޑައިގަންނަވަނީ ހަމައެކަނި ސަރުކާރުން ދޭ ނުކުޅެދޭ މީހުންގެ އެލަވަންސެވެ. ދެން އެހީތެރިވަނީ އާއިލާ އާއި ހެޔޮއެދޭ މީހުންނެވެ.
ވަޒީފާ ގެއްލި، ބޭސްފަރުވާ ކުރާނެ ގޮތެއްވެސް ނެތި ލަސްވެފައި ވަނިކޮށް ބޭސްފަރުވާގެ ކަންކަން ދިވެހިންގެ އެހީގައި ހަމަޖައްސައިދިނީ އެހީ ޖަމިއްޔާއިންނެވެ. އެ އެހީގައި ޝައިހް މިހާރު ތައްޔާރުވަމުން އަންނަނީ ލޮލުގެ ފަރުވާއަށް ބޭރަށް ފުރާވަޑައިގަތުމަށެވެ.