މުދަލުގެ އަގު ކަނޑައަޅެމުގެ ހަރުދަނާ އުސޫލުތަކެއް 1 ޖެނުއަރީން ފެށިގެން ޤާއިމްކުރެވޭނެކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވުމަށް ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކަސްޓަމްސްއަށް ވެރިފައިބަލް ލިޔެކިޔުމާއެކު އިންވޮއިސްގެ އަގު ފާސްކުރުމަށް ހުށަހަޅާ އަގަށްވުރެ ބޮޑު އަގެއް ކަނޑައަޅާ މައްސަލަ ޙައްލުކޮށްދެއްވުމަށް އެދި ވިޔަފާރިވެރިން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުމުން އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ކަސްޓަމްސްއިން ބުނީ ކަސްޓަމްސްގެ ޤާނޫނުގެ 63 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ "އެގްރީމަންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރީމަންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994" އާ އެއްގޮތްވާ ގޮތުގެމަތިން، މުދަލެއްގެ ކަސްޓަމްސްގެ އަގު ކަނޑައެޅުމުގައި އަސާސީ އުސޫލުކަމަށް ބަލާނީ، އެ މުދަލެއްގެ މުޢާމަލާތުގެ އަގު ނުވަތަ "ޓްރާންސެކްޝަން ވެލިއު" އަށް ބަލައިގެން އަގު ކަނޑައެޅުމަށްކަމަށެވެ. އެހެންކަމުން ވެރިފައަބަލް ލިޔެކިޔުމާއެކު މުދަލުގެ އަގު ކަނޑައެޅުމަށް ކަސްޓަމްސްއަށް ހުށަހެޅުމުން އެ އަގު ޤަބޫލުކުރެވޭނެކަމަށާއި ވެރިފައަބަލް ލިޔެކިޔުން ހުށަހަޅާފައި ނުވާނަމަ އެގްރީމަންޓަށް ރިޔާއަތްކޮށް ކަސްޓަމްސްއަށް ހުށަހެޅި އަގު %25 ވުރެ ބޮޑުކުރަންޖެހިއްޖެނަމަ، ވެރިފަރާތުން ރިކުއެސްޓް ނުކުރި ނަމަވެސް އެ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއިން އިތުރު ބެލުންތައް ބަލާނެކަމަށެވެ. އަދި ވެރިފިކޭޝަން ހެދުމުގެ އިތުރު މަރުޙަލާއެއް ކުރިއަށް ގެންގޮސް، އަގު ރިވިއު ކުރެވޭނެ ހަރުދަނާ ޕްރޮސެސްއެއް ޖެނުއަރީ 1ން ފެށިގެން ޤާއިމުކުރާނެކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން އިތުރަށް ބުނީ ބަދަލުކުރާ އަގު، ހުށަހެޅި އަގުގެ %25 ކުޑަނަމަ، މިހާރުވެސް ޢަމަލުކުރާ އުސޫލުން 3 މަރުޙަލާއެއްގައި، އެ އަގު ރިވިއުކޮށްދިނުމަށް ރިކުއެސްޓް ކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ.