ތެލެސީމިއާ އެލަވަންސް ދޭނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ތެލަސީމިއާ ދަފްތަރު ކަމުގައިވާ "ނެޝަނަލް ތެލަސީމިއާ ރަޖިސްޓްރީ" ގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތެލަސީމިއާ އެލަވަންސަށް އެދި ހުށަހަޅާ ފަރާތްތަކަށްކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ބުނެފިއެވެ.

މާދަމާ އިން ފެށިގެން ތެލެސީމިއާ ކުދިންނަށާއި މީހުންނަށް މަހަކު 2،000ރ. ލިބޭ އެލަވަންސެއް ތައާރަފް ކުރަން ސަރުކާރުން ނިންމާ އެކަން ވަނީ އިއުލާންކޮށްފައެވެ. މިކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މާދަމާއިން ފެށިގެން ކުރަން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އޭގެފަހުން މިކަމާ ގުޅޭގޮތުން މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިގޮތުން ތެލަސިމިއާ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، 2025 ޑިސެންބަރު 31 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާ ތެލަސީމިއާ އެލަވަންސް ދިނުމާގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދު ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުންފެށިގެން 2,000.00 (ދެހާސް) ރުފިޔާ ލިބިގެންދާނެކަމަށެވެ.

މި އިނާޔަތް ފޯރުކޮށްދެވޭނީ ނެޝަނަލް ތެލަސީމިއާ ރަޖިސްޓްރީ ގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތެލަސީމިއާ އެލަވަންސަށް އެދި ހުށަހަޅާ ފަރާތްތަކަށް ކަމަށާއި އެހެންކަމުން ތެލަސީމިއާ ދަފްތަރުގައި ރަޖިސްޓަރީ ވެފައި ނުވާ ފަރާތްތަކުން ތެލަސީމިއާ ދަފްތަރުގައި ރަޖިސްޓަރީ ކުރުމަށް ވަންގަވް (https://one.gov.mv/services) މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިކަމަށްވެސް ބުނެފައިވެއެވެ. ހަމައެއާއެކު މިވަގުތު ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ މަޢޫލޫމާތު އަދާހަމަކޮށް ކަށަވަރުކުރުމުގެ މަސައްކަތް އެ ސަރވިސަސްއިން ކުރަމުންދާ ކަމަށެވެ.

މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ނުވަތަ އެހީތެރިކަން ބޭނުންވާނަމަ ސަރވިސަސްގެ ނަންބަރު 3350155 އަށް ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ގުޅުމަށްވެސް ވަނީ އެދިފައެވެ.