ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރަނީ ހެޔޮ ނިޔަތެއް އޮވެގެން ނަމަ ސަރުކާރުން އެކަން ކުރާނީ ހިރިމަރަދޫ އަދި ހަނިމާދޫގެ އެންމެހާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަހުގައި ކަމަށް އިދިކޮޅު ޕާޓީ އެމްޑީޕީއިން ބުނެފި އެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުކުރުމަށް ނިންމާފައިވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދާ ހަމައަށްވެސް، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ އެއްވެސް ޢަމަލީ މަސައްކަތެއް ފަށާފައި ނުވާއިރު، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ދިމާކޮށް މިފަދަ ބަދަލެއް ގެނެސްފައިވަނީ، މި ސަރުކާރުން އެ އިންތިހާބުގެ ނަތީޖާއަށް ނުފޫޒުފޯރުމަށް ކަމަށެވެ.

މިއީ ހދ. ހިރިމަރަދޫ އަދި ހދ. ހަނިމާދޫގެ އެންމެހާ ރައްޔިތުންގެ އިންތިހާބީ ހައްޤާއި، ލާމަރުކަޒީ އުސޫލުން ރަށް ހިންގުމުގެ ހައްޤާއި މިނިވަން ޑިމޮކްރެޓިކް އިންތިހާބެއްގައި ވޯޓުލުމުގެ ހައްގަށް ހީނަކުރުކަން އަންނާނޭ ކަމެއް ކަމުގައި މި ޕާޓީއިން ގަބޫލު ކުރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މިއީ ހެޔޮ ނިޔަތެއްގައި ކުރި ކަމެއް ނަމަ ހިރިމަރަދޫގެ ރައްޔިތުންގެ އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުވުމާ ހަމައަށް އެރަށުގައި ރަށު ކައުންސިލުން ދޭންޖެހޭ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތެއްގެ މަތިން އެކަން ކުރާނެ ކަމަށް އެމްޑީޕީއިން ބުނެފައިވެ އެވެ. އެހެންނަމަވެސް ސަރުކާރުން ޢަމަލުކޮށްފައިވަނީ އެއާ ހިލާފަށް ކަމަށްވާތީ، މި ނިންމުން ބާތިލުކޮށް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މިނިވަންކަމާއި ހަމަހަމަކަން ގެއްލުވާނުލުމަށް ސަރުކާރަށް އެމްޑީޕީން ގޮވާލާފައިވެ އެވެ.

މީގެ އިތުރުން ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަލުކޮށްފައިމިވަނީ 7 ނޮވެމްބަރ 2025 ގައި ހދ. ހިރިމަރަދޫގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ޤާއިމުކުރުމަށް 4.1 މިލިއަން ރުފިޔާގެ މަޝްރޫއު އެރަށުގައި ހިންގުމަށް އިއުލާނުކުރެވިފައި ވަނިކޮށްކަން ފާހަގަކޮށް އެމްޑީޕީން ބުނީ މިކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުމަށް ރައްދުދެމުން ކުނި މެނޭޖު ކުރުމުގެ ނިޒާމު ގާއިމު ކުރަނީ އެރަށުގައި މީހުން އަދި އުޅޭތީ ކަމަށާއި ރަށުގައި މީހުން ތިބޭއިރުގައި ޒަރޫރީ ޚިދުމަތްތަށް ފޯރުކޮށްދޭން ކަމަށް ސަރުކާރުން ބަޔާންކޮށްފައިވާ ކަމަށެވެ. އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ ހައްގަކަށް ވީހިނދު، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުވުމުގެ ކުރިން އެފަރާތްތަކުގެ ކިބައިން އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުގެ ބާރު ފޭރިގަތުމަކީ ޕާޓީއިން ކުށްވެރިކުރާ ކަމެއް ކަމަށް އެ ޕާޓީއިން ބުނެ އެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވެސް ވަނީ މިއީ ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވައި ހަނިމާދޫގެ މެޖޯރިޓީ ޕީއެންސީއަށް ނުލިބޭނެތީ ކޮށްފައިވާ ކަމެއްކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ސަރުކާރުން ބުނީ މި ބަދަލު ގެންނަން ޖެހުނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ތާރީޚަކީ ހިރިމަރަދޫގެ ރަށްވެހިން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުޙަލާގެ ތެރޭގައި ހިމެނޭ ތާރީޚަކަށްވާތީ ކަމަށެވެ. އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 8 ވަނަ މާއްދާގެ (އ) ގައި، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވައިލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ޙާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިޚާބީ ދާއިރާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަންވާނީ އެ މީހުން އަލަށް ބަދަލުކުރެވުނު ރަށްކަމަށް ބަޔާންކޮށްފައިވާތީ، ހިރިމަރަދޫގެ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅުގެ ހަނިމާދޫކަމުގައި ބެލުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.