ހިޔާވެހި ފައިނޭންސް ސްކީމްގެ ދަށުން މިހާތަނަށް 909 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވް ކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފި އެވެ.

މިނިސްޓްރީން ބުނީ އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް ދެވޭ ޕްރޮފިޓް ރޭޓު ކުޑަ އަދި އިކުއިޓީ ކުޑަ ލޯނުގެ ދަށުން މިހާތަނަށް 909 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވް ކޮށްފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރަން ނުފެށިވާ ނުވަތަ ފަށައި ނުނިމި ހުރި ފަރާތްތަކަށް އެހީތެރިވުމެވެ. އަދި މާލޭގެ ތޮއްޖެހިފައިވާ ސަރަޙައްދުތަކުގައި ކުދި ގޯތިތައް އެއްކޮށްގެން ގެދޮރު އިމާރާތްކުރުމަށްވެސް މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެއެވެ.

ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް މިދިޔަ އަހަރު އިފްތިތާހުކުރުމަށް ފަހު ސަރުކާރުން ވަނީ މި އަހަރު އޭޕްރިލް 8 ގެ ނިޔަލަށް، އެ ޕްރޮގްރާމްގެ ދަށުން މާލީ އެހީ ހޯދުމަށް އެދި ފުރުސަތު ހުޅުވާލި އެވެ. އަދި މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ލޯނު ލިބުނު ކަމުގެ ލިޔުން 15 މީހަކަށް ހަވާލުކޮށްފައިވެ އެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން 5 އިންސައްތަ ޕްރޮފިޓްގައި ދިނުމަށް ކަނޑައެޅިފައިވާ އިސްލާމިކް ފެސިލިޓީތަކެވެ.

މި ސްކީމްގައި 18 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭ ގޮތަށް 25 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ލޯނު ދެއްކުމުގެ ފުރުސަތު އޮވެއެވެ. އަދި އިކުއިޓީގެ ގޮތުގައި އޮންނަ 20 އިންސައްތަ ސަރުކާރުންވެސް ހަމަޖެއްސޭނެއެވެ.

އެގޮތުން މި ފެސިލިޓީތަކަށް އެދި ހުށަހަޅާ ފަރާތްތައް ބަހާލެވެނީ ތިން ގިންތިއަކަށެވެ. އެއީ އަތޮޅުތަކުން އެދޭ ފަރާތްތަށް، މިނިސްޓްރީއިން މި ޕްރޮގްރާމަށް ކަނޑައަޅާފައިވާ އަރބަން ސެންޓަރތަކުން އެދި ހުށަހަޅުއްވާ ފަރާތްތަށް، އަދި ފުރަމާލެއިން އެދި ހުށަހަޅުއްވާ ފަރާތްތަކެވެ. މީގެން ކޮންމެ ގިންތިއަކަށް ވެސް މާލީކަންކަން ދޫކުރަނީ ވަކި މިންވަރަކަށެވެ. އެއީ:

  • ރާއްޖޭގެ އަތޮޅުތަކުން އެދި ހުށަހަޅާ ފަރާތްތަކަށް ރަށްވެހި ފައިނޭންސިންގ ސްކީމުން 1 މިލިއަން ރުފިޔާ

  • މިނިސްޓްރީއިން މި ޕްރޮގްރާމަށް ކަނޑައަޅާފައިވާ އަރބަން ސެންޓަރތަކުން އެދި ހުށަހަޅާ ފަރާތްތަކަށް ސަހަރު ފައިނޭންސިންގ ސްކީމުން 3 މިލިއަން ރުފިޔާ
  • ފުރަމާލެއިން އެދި ހުށަހަޅާ ފަރާތްތަކަށް ފަހިމާލެ ފައިނޭންސިންގ ސްކީމުން 6 މިލިއަން ރުފިޔާ

ގެދޮރު އިމާރާތްކުރުމަށް މާލީގޮތުން ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.