ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ސްޓޯރޭޖު ފެސިލިޓީ ނުވަތަ ގުދަންތަކެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އާންމު ކުރި ބަޔާނެއްގައި ބުނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދިނުމަށް ހަމަޖެހިފައިވާ ލުއިތަކުގެ ތެރެއިން އެ ވިޔަފާރިތަކަށް ހާއްސަ ސްޓޯރޭޖް ފެސިލިޓީ ގާއިމްކޮށް ހެޔޮ އަގުގައި ފަސޭހަ ކަމާއެކު މުދާ ރައްކާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިހާރަށްވުރެ ވެސް އަވަހަށް މުދާ ކްލިއާ ކުރުމަށާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ މުދާ އުފުލާ އުޅަމދުފަހަރުގެ ކަންކަން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް އެކަން މިނިސްޓްރީން ގާތުން ބަލަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވި ބައްދަލު ކުރެއްވުމުގައި މުދާ ރައްކާކުރުމަށް ފަސޭހަ ގޮތްތަކެއް ބޭނުންވާކަން ވިޔަފާރިވެރިން ފާހަގަކޮށްފައިވެ އެވެ. މި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެ ދުވަހުގެ ބައްދަލުވުމުގައި މާލެ، ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި ހެޔޮ އަގުގައި މުދާ ރައްކާކޮށް ގުދަން ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ކުރިއަށް އޮތް ދެ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން ބޮޑެތި ލުއިތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ރައީސްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވިދާޅުވެފައިވެ އެވެ.
އޭގެތެރޭގައި ވިޔަފާރިއާ ގުޅުންހުރި އެކިއެކި ފަރާތްތަކާ މަޝްވަރާކޮށް ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމާއި، ސަރުކާރުން އިސްވެ ކުރާ މަސައްކަތްތައްވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވިޔަފާރިތަކަށް ދޭނެ ލުއިތައް މިހާތަނަށް އާންމުކޮށްފައިނުވާއިރު އެ ތަފްސީލްތައް ފަހުން ދެއްވާނެ ކަމަށް މިނިސްޓަރުވެސް ރައީސް ވެސް ވިދާޅުވި އެވެ.