2025 ވަނަ އަހަރު މީޑިއާތަކަށް ދޭ ފައިސާގެ އަދަދު ހާމަކޮށްފި އެވެ.

ދައުލަތުން މީޑިއާތަކަށް ދޭ ފައިސާ 41 މީޑީއާއަކަށް ލިބޭކަން ހާމަކޮށްފައިވާއިރު މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާތަކަށް ލިބޭ ފައިސާގެ އަދަދު ހާމަކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

އެ ކޮމިޝަނުން ބުނީ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ 39 މީޑީއާއަކަށް ލިބޭ ފައިސާގެ އަދަދު މިހާރު އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ. މި ފައިސާ މީޑިއާތަކަށް ލިބޭނީ ކޮމިޝަނުން މި މައުލޫމާތު ޔޫތު އެންޑް އާޓްސް މިނިސްޓްރީއަށް ފޮނުވުމުން އެ މިނިސްޓްރީއިން ފިނޭންސް މިނިސްޓްރީއަށް އެ މައުލޫމާތުތައް ފޮނުވުމުންނެވެ.

އެންމެ މަތިން ޕޮއިންޓު ލިބުނު ސަންގު އޮންލައިންއަށް 1.08 މިލިއަން ރުފިޔާ ލިބެ އެވެ. ސަން އޮންލައިންއަށް 1.06 މިލިއަން ރުފިޔާ ލިބޭއިރު ވީނިއުސްއަށް 997،914 ރުފިޔާ ލިބެ އެވެ.

ބައެއް އެހެން މީޑިއާތަކަށް ލިބޭ ފައިސާގެ އަދަދުތަކަށް ބަލާއިރު

  • އައިސް ޓީވީ - 908،358 ރުފިޔާ

  • ދިވެހި ޗެނަލް - 876،374 ރުފިޔާ
  • މިހާރު އޮންލައިން - 793،214 ރުފިޔާ
  • ވަގުތު - 754،833 ރުފިޔާ
  • ވަން އޮންލައިން - 710،054 ރުފިޔާ
  • ދައުރު - 697،261 ރުފިޔާ

މީގެ އިތުރަށް ވެސް 22 މީޑީއާއަކަށް 6 ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ކޮމިޝަނުން އާންމުކޮށްފައިވެ އެވެ. 5 ލައްކައަށް ވުރެ މަތިން 8 މީޑިއާއަކަށް ފައިސާ ލިބެ އެވެ.

ލިބޭ ފައިސާގެ އަދަދު ހާމަނުކުރާ ދެ މީޑިއާ އަކީ ފުރަތަމަ ނިއުސް އަދި ކުޅުދުއްފުށި އޮންލައިން އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އާންމުކޮށްފައިިވާ މާކުސްތަކަށް ބަލާއިރު ޖުމްލަ 41 މީޑިއާއަކަށް ފައިސާ ލިބުމަށް ޝަރުތު ހަމަވިއިރު ޕޮއިންޓު ދީފައިވާ އުސޫލަށް ބަލާއިރު ސަންގަށް 100 އިން 99 ޕޮއިންޓު ލިބިފައިވެ އެވެ. އެހެން އެއްވެސް މީޑިއާއަކަށް 99 ޕޮއިންޓު ލިބިފައެއް ނުވެ އެވެ.

އެހެން މީޑިއާތަކަށް ޕޮއިންޓު ލިބިފައިވާ ގޮތަށް ބަލާއިރު ވަގުތު އޮންލައިންއަށް 98 ޕޮއިންޓު، ސަން އޮންލައިންއަށް 97 ޕޮއިންޓު، މިހާރު ނޫހަށް 94 ޕޮއިންޓު، އައިސް ޓީވީ އަށް 92 ޕޮއިންޓު، ވަން އޮންލައިންއަށް 91 ޕޮއިންޓު ދީފައިވެ އެވެ. ވީ މީޑިއާގެ ވީ ނިއުސްއަށް ދީފައިވަނީ 86 ޕޮއިންޓެވެ.

ފައިސާ ލިބުމަށް ޝަރުތު ހަމަވަނީ ފޯމުތައް އިވެލުއޭޓް ކުރުމަށް ފަހު 100އިން 60 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީޑިއާ ތަކަށެވެ.