ހދ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމަވައި ހިރިމަރަދޫ ކައުންސިލް އުވާލުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ތުހުމަތު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމައި ހިރިމަރަދޫ ކައުންސިލް އުވާލާފައިވާތީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރައްވައި ގަޕޯ ވިދާޅުވީ ރަށެއްގައި ބަޔަކު ދިރިއުޅެމުން ދަނިކޮށް އެމީހުން ދިރިއުޅެން ތަނެއް ނުދައްކައި އެމީހުންނަކީ އެހެން ރަށެއްގެ ރައްޔިތުން ކަމަށް ކަނޑައެޅުމަކީ އެއްވެސް ގާނޫނަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

ގަޕޯ ވިދާޅުވީ ހިރިމަރަދޫ ކައުންސިލް އުވާލަން ނިންމީ ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވައި ހަނިމާދޫގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ހޯދައިދިނުމަށް ކަމަށެވެ.

ސަރުކާރުން ބުނީ މި އިސްލާޙު ގެނައުމުގެ ބޭނުމަކީ، 2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ތާރީޚަކީ ހިރިމަރަދޫގެ ރަށްވެހިން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުޙަލާގެ ތެރޭގައި ހިމެނޭ ތާރީޚަކަށްވާތީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 8 ވަނަ މާއްދާގެ (އ) ގައި، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވައިލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ޙާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިޚާބީ ދާއިރާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަންވާނީ އެ މީހުން އަލަށް ބަދަލުކުރެވުނު ރަށްކަމަށް ބަޔާންކޮށްފައިވާތީ، ހިރިމަރަދޫގެ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅުގެ ހަނިމާދޫކަމުގައި ބެލުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.