މިއަހަރުގެ ފަތުރުވެރިކަމުގެ ކާމިޔާބީތައް ފާހަގަކުރުމާއި އައު އަހަރަށް މަރުހަބާ ކިޔުމަށް ބާއްވާ މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް 2025 ފަށައިފި އެވެ.
ދިވެހި ސަގާފަތާއި ރަހަ އަދި މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތަކާ އެކު ކުރިއަށް ދާ މި ފެސްޓިވަލް ފަށާފައިވަނީ މި މިއަދު ހަވީރު 4:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ޑިސެމްބަރ 30، 2025 އިން 1 ޖެނުއަރީ 2026 ގެ ނިޔަލަށް ހުޅުމާލޭގައި ބާއްވާ މި ކަލްޗާ އެންޑް ފުޑް ފެސްޓިވަލުގައ،ި ބޮޑެތި މީހުންނާއި ކުޑަކުދިން އަދި ފަތުރުވެރިންނަށް ހާއްސަކޮށްގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.
މިއީ މިއަހަރުގެ ފަތުރުވެރިކަމުގެ ކާމިޔާބީތަކުގެ އެންމެ ބޮޑެތި ހިއްސާދާރުން ކަމުގައިވާ ފަތުރުވެރިކަމުގެ މަސައްކަތްތެރިންނާއ،ި އިންޑަސްޓްރީ ޕާޓްނަރުން އަދި ލޯކަލް ކޮމިއުނިޓީތަކުގެ އަގު ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އަދި އެޗްޑީސީ ގުޅިގެން އިންތިޒާމުކުރާ ފެސްޓިވަލެކެވެ.
މިއަހަރުގެ ފެސްޓިވަލަކީ 2025 ވަނަ އަހަރު ފަތުރުވެރިކަމުގެ ރޮނގުން ރާއްޖެއަށް ލިބިފައިވާ ގިނަ ކާމިޔާބީތަކާއި ރެކޯޑުތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ ފެސްޓިވަލެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެ އެވެ. މިއަހަރު މި ސިނާއަތަށް ލިބިފައިވާ ކުރިއެރުންތަކުގެ ތެރޭގައި އެންމެ އަވަހަށް ދެ މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމާއ،ި ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތުގައި ކުރާ ހޭދަ ނުވަތަ ޓްރެވަލް ރިސީޓްސްގެ އަދަދު 5.8 ބިލިއަން ރުފިޔާއަށް އިތުރުވުމާއ،ި ވިދިވިދިގެން ހަ އަހަރު ރާއްޖެއަށް ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ކާމިޔާބުވުން ހިމެނެ އެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ މިދިޔަ އަހަރު ލިބުނު ކާމިޔާބީއަށް ބަލައި މި އަހަރުގެ އާ އަހަރު ފާހަގަކުރުމުގެ ފެސްޓިވަލް ތިން ދުވަހަށް ދިގު ދަންމާލަން ނިންމާފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ހާއްސަ ކަންކަމުގެ ތެރޭގައި ކްލައިމްބިން ވޯލްތަކާއ،ި ފޯމް ޕާޓީތަކާއ،ި ގޭމިންގ އާކޭޑުތައް ހިމެނޭއިރ،ު ދިވެހި ރަހަތަކަށް ހާއްސަ ފުޑް ވެންޑާތައް މި ފެސްޓިވަލުގެ ތެރޭގައި ގާއިމްކޮށްފައި ހުންނާނެކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެ އެވެ.
މީގެ އިތުރުން ދިވެހި ސަގާފަތާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް މި ފެސްޓިވަލުގެތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
މި ފެސްޓިވަލުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައ،ި 2024 ވަނަ އަހަރުގެ އާ އަހަރުގެ މުނާސަބަތާ ދިމާކޮށް ކުރިއަށް ގެންދިޔަ މަގުބޫލު ހަރަކާތެއް ކަމުގައިވާ ހާއްސަ ޑްރޯން ޝޯވ މިއަހަރު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވ.ެ އަދި މިއަހަރުވެސް އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ހަވާ އެރުވުން އޮންނާނެ އެވެ.