ކުށްކުރާ ގުރޫޕެއް، ގާނޫނުގައި ބުނާ ފަދަ ގޭންގެއް ކަމަށް ކަނޑައަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ އޮގަސްޓް މަހު އަމަލުކުރަން ފެށި، "ގޭންގު ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގައިވާ ގޮތުން، ކުށްކުރާ ގުރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކުގެ ތެރެއިން ފުރަތަމަ މަރުހަލާ އަކީ ފުލުހުން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅުމެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އެ މައްސަލަ ދިރާސާކުރެއްވުމަށް ފަހު، ފޮނުއްވަން ޖެހޭނީ އެ ގާނޫނުގައިވާ ގޮތުން ހައި ކޯޓަށެވެ. ކުށްކުރާ އެ ގްރޫޕަކީ، ގޭންގެއް ކަމަށް ކަނޑައަޅާނީ ހައި ކޯޓުންނެވެ.

އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ގޭންގް ކްރައިމް އެންފޯސްމެންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމް ވިދާޅުވީ ގޭންގެއް ކަމަށް ކަނޑައަޅަން ޕީޖީ އޮފީހަށް ފޮނުވި މައްސަލައާ ގުޅިގެން އެ އޮފީހުން ލަފާ ދިން ކަންތައްތައް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އިސްހާގު އިތުރަށް ވިދާޅުވީ މާލޭގެ އިތުރުން އަތޮޅު ތެރެއިން ވެސް ގޭންގެއް ކަމަށް ޝަރުތު ހަމަވާ ފަރާތްތަކަކީ ކޮބައިތޯ ފުލުހުން އަންނަނީ ބަލަމުންނެވެ.

އިސްހާގް ވިދާޅުވީ ގޭންގް ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން އެ ފަދަ ކުށްތައް މަދުވެފައިވާ ކަމަށެވެ.