ގޭންގް ކުށްތަކާއި އެނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އަމަލުކުރަން ފެށުމުން ގޭންގުތަކުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ހެން މަދުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ގޭންގު ކްރައިމް އެންފޯސްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓު އިސްޙާޤް އާދަމް ވިދާޅުވީ، އެ ގާނޫނު އައުމާއެކު ކުރިން ގްރޫޕް ހަދައިގެން ކުށްތަކަށް އަރައިގަންނަމުން ދިޔަ ގްރޫޕްތަކުގެ ހަރަކާތްތައް މަދުވެފައިވާކަމަށެވެ. އިސްހާގު ވިދާޅުވީ ގޭންގުތައް ހުއްޓުވުމަށް ފުލުހުން ދެ ގޮތަކަށް އަމަލުކުރަމުން އަންނަކަމަށެވެ.

އެއްގޮތަކީ އެފަދަ ކުށުގެ ރިކޯޑް އޮންނަ ފަރާތްތައް ޖަމާވާ ތަންތަން އަބަދު ބަލަމުންދިޔުންކަމަށެވެ. ފުލުހުންގެ ޓީމުތައް އެކި ވަގުތުތަކުގައި އެތަންތަނަށް ގޮސް ބަލަމުންދާކަމަށް އިސްހާގު ވިދާޅުވިއެވެ.

ދެން ކުރާ މަސައްކަތަކީ ލިބޭ އިންޓެލިޖެންސްގެ އަލީގައި ކުށްކުށަށް އަރައިގަންނަ މީހުން އެއްވާނެކަމަށް ބެލެވޭ ތަންތަން ކޯޓު އަމުރަކާ ލައިގެން ބަލާފާސްކުރުންކަމަށް އިސްހާގު ވިދާޅުވިއެވެ.

އިސްހާގު ވިދާޅުވީ މިފަދަ ތަންތަން ބަލާއިރު އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ އެފަދަ ތަންތަނުގައި ކުޑަކުދިން ބޮޑެތި މީހުންނާއެކު ގިނަ ވަގުތުތަކެއް ހޭދަކުރުންކަމަށެވެ.

ދަންވަރު އަދި ދވާލު ވަގުތު އަދި ވަރަށް ގިނވަގުތު ކުދިން އެތަންތަނުގައި ހޭދަކުރާކަން ފާހަފަވޭ. މިފަދައިން ފެންނަ ކަންކަމުގައި އަމަލުކުރާ ގޮތަކީ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކުދިން އެތަނުން އެކަހެރިކޮށް އެކުދިންގެ ސަލާަތާއި ރައްކާތެރިކަމަށްޓަކައި މާލޭގައި ނަމަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ހުޅުމާލޭގައި ނަމަ ހުޅުމާލެ ޕޮލިސްސް ޓޭޝަނަށް ގެންދަނީ

އިސްހާގު އާދަމް/ ސުޕްރިޑެންޓެންޓް އޮފް ޕޮލިސް

އިސްހާގު ވިދާޅުވީ މިކުދިން އެއަށްފަހު އާއިލާ އާ ހަވާލުކުރާކަމަށެވެ. އިސްހާގު ވަނީ މިއީ ޗުއްޓީދުވަސްވަރަށްވުމާއެކު ކުދިން އުޅޭ ނޫޅޭ ގޮތް ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ބެލުމަށް އިލްތިމާސްކުރައްވާފައެވެ.