ސިވިލް ސާވިސްގެ ވަޒީފާއިން ރިޓާޔާ ކުރުމަށް ފަހު، އަލުން ދައުލަތުގެ ވަޒީފާއެއް އަދާކުރާ ނަމަ އެ މީހަކަށް ލިބެމުން އައި އައި ރިޓަޔަމެންޓް ޕެންޝަން އެ މުއްދަތުގައި ނުލިބޭ ގޮތަށް ސިވިލް ސާވިސް ގަވައިދު އިސްލާހުކޮށްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން އިސްލާހުކޮށްފައިވާ ގަވާއިދުގައި ބުނެފައިވަނީ ވަޒީފާއިން މުސްކުޅިކޮށްފައިވާ މުވައްޒަފަކު އަލުން ދައުލަތުގެ މަގާމަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް ހަމަޖެހިއްޖެނަމަ އެވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެ މީހަކަށް މުސްކުޅި ކުރުމުގެ އިނާޔަތެއް ނުލިބޭނެކަމުގައެވެ. ގަވާއިދުގައި އިތުރަށް ބުނެފައިވަނީ އެފަދަ ވަޒީފާއެއް އަދާކުރަން ފަށާފައިވާކަން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އެފަރާތަކުން އަންގަންވާނެކަމަށެވެ. އަދި އެގޮތުގެ މަތިން ނާންގައި އޮތުމުގެ ސަބަބުން އެފަދަ ވަޒފާއެއްގައި ހުރި މުއްދަތުގައި އެފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތް ދޫކުރެވިއްޖެނަމަ އެފައިސާ އަނބުރާ ދައްކަންވާނެކަމަށެވެ.
ގަވައިދަށް ގެނައި އާ ބަދަލުގައިވާ ގޮތުން ކުރިން ލިބެމުން އައި މުސްކުޅިކުރުމުގެ އިނާޔަތުގެ ފައިސާ މަހުންމަހަށް ދޫކުރަން ފެށޭނީ ފަހުން އަދާކުރާ ވަޒީފާ އިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.
ރިޓަޔަކުރުމުން ދިގު މުއްދަތަށް ޕެންޝަން ލިބޭ އިދާރާތަކުގެ ތެރޭގައި ފުލުހުންގެ އިދާރާ އާއި އެމްއެންޑީއެފާއި ކަސްޓަމްސް އަދި އިމިގްރޭޝަނާއި ކަރެންޝަންސް ފަދަ އިދާރާތައް ހިމެނެ އެވެ. ކުރިން އެފަދަ އިދާރާތަކުން ރިޓަޔާ ކުރުމަށް ފަހު އިންތިހާބީ މަގާމުތަކަށް އަންނަ މީހުންނަށް ވެސް ޕެންޝަން އެލަވަންސް ދިޔައީ ލިބެމުންނެވެ.
ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރުމަށް ފަހު، ސަރުކާރުގެ އެހެން މަގާމަކަށް އައްޔަންކުރާ ނުވަތަ އިންތިހާބުވާ މީހުންނަށް ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް ފުލުހުންގެ ގަވާއިދު ވެސް މިދިޔަ ހަފުތާގައި ވަނީ އިސްލާހުކޮށްފައެވެ.
ސަރުކާރުގެ ވަކިވަކި ޕެންޝަން ސްކީމުތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް އޮވެއެވެ. ޕެންޝަނަށް ގިނަ އަދަދެއްގެ ފައިސާ ބަޖެޓުގައި ކަނޑައަޅާފައިވާއިރު ޑަބަލް ޕެންޝަނަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ފައިސާ ދައުލަތުން ހޭދަކުރާތީ އެކަންބޮޑުވުން ކަމާބެހޭ ފަރާތްތަކުން ކޮންމެ އަހަރެއްގެވެސް ބަޖެޓް ދިރާސާކުރަމުންދާއިރު ފާޅުކުރަމުންދެއެވެ.