ޗައިނާއާއި ޓައިވާނާ ދެމެދު މަސްރަހު އަނެއްކާވެސް ހޫނުވާންފެށުމުން ރާއްޖެއިން ޗައިނާއާއެކު ދެމި އޮތް ކަމަށާއި، ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހުމަކީ ރާއްޖޭން ގަބޫލުކުރާ ހަމައެއް ނޫންކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ޓައިވާނުގެ ސަރަހައްދީ ސަރުކާރަށް 11.1 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާ އިން އެއްބަސްވުމުން ޗައިނާ އިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. މިވަގުތު ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޓައިވާނަކީ ޗައިނާގެ މުހިއްމު ބައެއް ކަމަށާއި ޗައިނާގެ ހުރިހާ ސަރަހައްދެއްގެ ސިޔާދަތީ ބާރު އޮތީ ޗައިނާ ސަރުކާރަށް ކަމަށް ގަބޫލުކުރާ "ވަން ޗައިނާ" ސިޔާސަތު ރާއްޖޭން ވަރުގަދަ އަށް ދަމަހައްޓާ ކަމަށެވެ.

ރާއްޖޭން ޗައިނާއާ އެކު 1972 ވަނަ އަަހަރު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ފަހުން މިއަދާ ހަމައަށް ވެސް ދަމަހައްޓަމުން އަންނަނީ އެ ސިޔާސަތު ކަމަށާއި އެއީ ގައުމުތަކުގެ ސިޔާދަތަށް ރާއްޖޭން ކުރާ އިހުތިރާމް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެމެރިކާގެ ނަން ނުގެނެސް ބަޔާނުގައި ބުނެފައިވަނީ މި އުސޫލުތަކާ ހިލާފަށް "ބައެއް ފަރާތްތަކުން" އަމަލުކޮށް، މިނިވަން ގައުމުތަކުގެ އެތެރޭގެ މައްސަލަތަކުގެ ތެރެއަށް ވަންނާތީ ދިވެހިރާއްޖެ އިން ކަންބޮޑުވުން ފާޅުކުރާކަމުގައެވެ.

ޗައިނާއާ އެކު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރަން ރާއްޖޭން ތައްޔާރަށް އޮތް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކުމަށް ނިންމި ނިންމުމަކީ ޗައިނާއާއި އެމެރިކާއާ ދެމެދު ވެފައިވާ ޑިޕްލޮމެޓިކް އެއްބަސްވުންތަކާ ޚިލާފު ކަމެއް ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.