އަމިއްލަ މީޑިއާތަކަށް ދައުލަތުން ދޭ ފައިސާގެ އެހީއަށް 41 މީޑިއާއަކުން ޝަރުތު ހަމަވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން ބުނެފިއެވެ.

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ހަވާލުކުރުމަށް, ޔޫތު މިނިސްޓްރީ އާއި އެމްއެމްބީސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރީ މި މަހު 18ގައެވެ. އޭގެފަހުން އެހީ އަށް އެދި ހުށަހަޅަން ފުރުސަތު ހުޅުވާލިއިރު އެމްއެމްބީސީން ބުނީ 57 މީޑިއާއަކުން ޕްރޮފައިލް ހެދި ކަމަށާއި ޝަރުތު ހަމަވީ 41 މީޑިއާ ކަމަށެވެ.

މީޑިއާތަކަށް ލިބުނު މާކްސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށާއި، ޝަރުތު ހަމަވި މީޑިއާތަކަށް އެހީގެ ގޮތުގައި މިއަހަރުގެ ބަޖެޓްގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ ދޭން ނިންމައިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެއީ ދައުލަތުގެ އާމްދަނީގެ 0.1 އިންސައްތައެވެ. އެހީއަށް ހުށަހެޅުމުގެ ސުންގަނޑި ހަމަވުމާއެކު އަށް ޝަކުވާ ލިބުނުއިރު ތިން ޝަކުވާ ބަލައިގަތް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ކޮމިޝަނުން ބުނީ މާކްސް ދިނުމުގައި ބަލާފައިވާނީ މީޑިއާގެ މުއްދަތާއި މުވައްޒަފުންގެ އަދަދާއި، މީޑިއާ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން ނުވަަތަ ބިޒްނަސް ޕްލޭންކޮންޓެންޓްގެ ބާވަތަށާއި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާއިދާރީ އިންތިޒާމުތަކަށް ކަމަށެވެ.

ކޮމިޝަނުން ބުނީ މީޑިޔާއަކަށްދޭ މާލީ އެހީ ދޫކުރާނީ ޔޫތު މިނިސްޓްރީ އާއި ކޮމިޝަނާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެޕްލިކޭޝަން ހުށަހެޅި މީޑިޔާތަކުގެ މައުލޫމާތު ޔޫތު މިނިސްޓްރީ އާ ހިއްސާކުރުމުން އެމިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުންކަމަށެވެ. އެގޮތުން މިއަހަރު މާލީ އެހީ ލިބޭ މީޑިޔާތަކަށް ލިބޭ އަދަދު 1 ޕޭމަންޓްގެ ގޮތުގައި ލިބޭނެކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.

ޔޫތު މިނިސްޓްރީން މީގެ ކުރިން ވަނީ މީޑިއާ ބަޖެޓް ލިބޭ މީޑިއާތަކުގެ ލިސްޓެއް އެކުލަވާލައިފައެވެ. އެކަމަަކު، އެ ލިސްޓު އެކުލަވާލައިފައިވާ ގޮތަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެގޮތުން، އަމިއްލަ 18 މީޑިއާއަކަށް ފައިސާ ދޫކުރާނެ ކަމަށް އިއުލާނުކުރިއިރު، އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެގޮތުން، އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު، ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެއެވެ.