އަނިޔާ ލިބޭ މީހުންނަށް ވަގުތީ ރައްކާތެރިކަން ދިނުމަށް ގާއިމްކުރާ ޝެލްޓާ ހޯމްތައް މާލެ ސަރަހައްދުން ބޭރުގައި ވެސް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގެވެށި އަނިޔާ ލިބޭ މީހުންނަށް ވަގުތީ ރައްކާތެރިކަން ދިނުމަށް "ޑޮމެސްޓިކް ވައިލަންސް ޝެލްޓާ" ތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިހާރުވެސް ހުޅުމާލޭގައި އެފަދަ ޝެލްޓާ ހޯމްއެއް އެޅުމަށް ގާއިމްކުރުމަށް ބަޔަކު ހޯދުމަށް އިއުލާން ކޮށްފައިވާއިރު އޭގެ އިތުރަށް އައްޑޫ ސިޓީ ހިތަދޫގައި ވެސް އެފަދަ ޝެލްޓާއެއް އެޅުމުގެ މަސައްކަތް ފެށޭ ހިސާބަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ރ. އުނގޫފާރުގައި ވެސް ވަގުތީ ހިޔާ އެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގަމުންދާ ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން ޑޮމެސްޓިކް ވައިލަންސް (ޑީވީ) އަދި ޖެންޑަރ ބޭސްޑް ވައިލަންސް (ޖީޑީބީ) ތަހައްމަލު ކުރަމުންދާ މީހުންނަށް ވަގުތީ ރައްކާތެރިކަމާއި ހިޔާވަހިކަން ދިނުމަށް އަޅާ ޝެލްޓަރ ހޯމްތައް އެޅުމަށް ބަޔަކު ހޯދުމަށް އިއުލާނު ކުރީ ޑިސެމްބަރު 21 ވަނަ ދުވަހު އެވެ.
ރާއްޖޭގައި ޖިސްމާނީ އަދި ޖިންސީ އަނިޔާގެ އިތުރުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދޭ އަނިޔާގެ މައްސަލަތައް ވެސް މިހާރު ފާހަގަވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޕްރޮޓެކްޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ.
އަނިޔާގެ ވެށިން ނުކުތުމަށްފަހު ވަގުތީގޮތުން ވެސް އެމީހަކު ދާނެ ތަނެއް ރާއްޖޭގައި ނެތުމަކީ އަނިޔާގެ ވެށިން މީހުން ނުކުތުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުންކަން ސޯޝަލް މިނިސްޓްރީން ފާހަގަ ކުރެ އެވެ. އަދި އަނިޔާގެ މައްސަލަ ރިޕޯޓު ކުރުމަށްފަހު އަނިޔާ ކުރާ މީހާއާ އެއް ތަނެއްގައި އުޅެން ޖެހުމަކީ އޭގެ ބިރުވެރިކަން އިތުރުވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.
މީގެ ހައްލަކަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ބޭނުންކުރަނީ ޝެލްޓަރ ހޯމް ތަކެވެ. މިއީ އަނިޔާގެ ވެށިން ނުކުތުމަށްފަހު އަނިޔާ ލިބޭ މީހާ އާއި ދަރިންނާއެކު ވަގުތީގޮތުން އުޅެވޭނެ މާހައުލެއް ގާއިމްކޮށްދޭ ތަންތަނެވެ. ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ ގައުމުތައް ކަމަށްވާ އޮސްޓްރޭލިއާ އަދި ނެދަލެންޑްސްއިން ފެށިގެން ޕާކިސްތާނާއި ނޭޕާލް ފަދަ އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް، އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް މިފަދަ ޝެލްޓާ ހޯމް ގާއިމްކޮށްފައި ހުރެ އެވެ.