ބ. ހިތާދޫގައި ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޑީސަލް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް މިހާރު ދަނީ އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނީ ހިތާދޫގައި މި ވަގުތު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ 371.8 ކިލޯވޮޓް-ޕީ (kWp) ގެ ސޯލާ ޕީވީ ކެޕޭސިޓީއާއި 618 ކިލޯވޮޓް-ގަޑީގެ (kWh) ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް ކަމަށެވެ.

މި ނިޒާމް ގާއިމް ކުރުމުން ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޑީޒަލް ތެލަށް ބަރޯސާވާ މިންވަރު ކުޑަވުމުގެ އިތުރުން ގްރިޑްގެ ހަމަޖެހުން ކަށަވަރުވެގެން ދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ނިޒާމު ބަހައްޓައި ހިންގަން ފެށުމުން ރަށުން ޑީޒަލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަވާނެއެވެ. ލަފާކުރެވޭ ގޮތުގައި މި މަޝްރޫޢުގެ ސަބަބުން އަހަރަކު 174,480 ލީޓަރުގެ ޑީޒަލް ސަލާމަތް ކުރެވޭނެއެވެ. މީގެ އިތުރުން ކޮންމެ އަހަރަކު 427 ޓަނުގެ ކާބަން ޑައިއޮކްސައިޑް (އެމިޝަން) ވައިގެ ތެރެއަށް ދޫކުރެވޭ މިންވަރު މަދުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

މިނިސްޓްރީން ބުނީ މިއީ 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ކަރަންޓު އުފެއްދުމުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް،ސަރުކާރުން ގެންގުޅޭ ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެ އެވެ.