ރަސްމާލެ ހިއްކައި އެ ތަނުން 25،000 ގޯތި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެކަން ގަބޫލުކުރާނެ ދިވެހި ރައްޔިތަކު ނެތް ކަމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޢުރޫފް ވަނީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެެވެ. އެގޮތުން 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަހަރެއްކަމަށް މީގެ ކުރިން ވިދާޅުވަމުން އައި ނަމަވެސް އެކަން އެއްވެސް ވަރަކަށް ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.

ބޯހިޔާވަހިކަމެއް އެޅުމަށްޓަކައި ދިވެހިރާއްޖޭގައި މިހާތަނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގައި ބޭނދުނު އެންމެ ގާބުރިއެއްވެސް ނެތްކަމަށް ވިދާޅުވި އެވެ.ރައީސް މުއިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި 2025 ވަނަ އަހަރަކީ ތަރައްގީގެ މަޝްރޫއުތައް ފަތުއަޑުގައި ހިންގާނެ އަހަރެއް ކަމާއި 2025ގެ ބަޖެޓަކީ ބޯހިޔާވަހިކަމަށް ހާއްސަ ބަޖެޓެއް ކަމަށް ވިދާޅުވި ނަމަވެސް މި ބަޖެޓުން ބޯހިޔާވަހިކަން ލިބުނީ ކޮން ރައްޔިތަކަށްތޯ މައުރޫފް ސުވާލު ކުރެއްވި އެވެ.

ތަކުރާރުކޮށް އެކި ގޮތްގޮތަށް އެކި ތާރީހު ދެއްވަމުން ގެންދެވި ނަމަވެސް 2025ގެ ބަޖެޓުން ދިވެހި ރައްޔިތަކަށް ލިބުނު ބޯހިޔާވަހިކަމެއް ނެތް ކަމަށް މައުރޫފް ވިދާޅުވި އެވެ.

މީގެ އިތުރުން، ކުރީ ސަރުކާރުގެ ލިސްޓާ އެއްގޮތަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން ދޫކުރި ފުލެޓުތައް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް ރައީސް އެ ވައުދުފުޅާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް މައުރޫފް ތުހުމަތު ކުރެއްވި އެވެ. މިފަދަ ކަންކަމަށް ބަލާއިރު މި ސަރުކާރަކީ ސްކޭމް ސަރުކާރެއްގެ ގޮތުގައި ފެންނަކަމަށް މައުރޫފް ވިދާޅުވި އެވެ.

ދެން އަންނަން އޮތް އެމްޑީޕީގެ ވެރިކަމުގައި ގެދޮރުވެރިޔާގެ ދަށުން ދޫކުރި ފުލެޓުތަކަށާއި ބިންވެރިޔާގެ ދަށުން ދޫކުރި ގޯތިތަކަށް ދެވަނަ ފަހަރަށް ކުރިމަތިލައި ޝަރުތު ހަމަވި މީހުންނަށް ފުލެޓުތައް ދޭނެ ކަމަށް މައުރޫފް ވިދާޅުވި އެވެ. އެކަން އެގޮތަށް ކުރުމަށް މި ސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުންތައް އުވާލާނެ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

މައުރޫފްގެ ވާހަކައިގައި ބޯހިޔާވަހިކަމަށް ދެންވެސް އުންމީދެއް އޮތީ އެމްޑީޕީއަށް އަނެއްކާ ވެސް ވެރިކަން ލިބިގެން ކަމަށް ވިދާޅުވި އެވެ.