ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން މިހާތަނަށް އެއްބަސްވުން ހެދިފައިވާ އެންމެންނަށް ކުރިއަށް އޮތް ޖެނުއަރީ މަހު ތަޅުދަނޑި ހަވާލުކޮށް ނިންމާލެވޭނެ ކަަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ގެދޮރުވެރިޔާ މަޝްރޫއުގެ 4000 ފްލެޓުތަކުގެ ތެރެއިން 3879 މީހަކާއެކު ފްލެޓު އެއްބަސްވުމުގައި ސޮއި ކުރެވިފައިވާ ކަމަށެވެ. އަދި 399 މީހަކާ ފްލެޓު ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއްބަސްވުން ހެދިފައިވާ އެންމެންނަށް މި ޖެނުއަރީ މަހު ތަޅުދަނޑި ހަވާލުކޮށް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފްލެޓު ހަވާލު ކުރުން ލަސްވެގެން ދިޔައީ އިމާރާތް ކުރުމުގެ އެއްބަސްވުމުގެ ތެރޭގައި ފެނާއި ކަރަންޓު ލުމުގެ މަސައްކަތް ހިމަނާފައި ނުވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން އެ މަަސައްކަތް އެމްޑަބްލިއުއެސްސީ އަދި ސްޓެލްކޯއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ޖެހުމުން ލަސްތަކެއް ކުރިމަތިވި ކަމަށް ވިދާޅުވި އެވެ. އަދި އޭގެ އިތުރަށް ބައެއް ލޭންޑް ސްކޭޕިން މަސައްކަތް ކުރަން ޖެހުމުން ވެސް މަސައްކަތް ލަސްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ހަވާލުވިއިރު ގެދޮރުވެރިޔާ މަޝްރޫއުގެ ތެރެއިން ނިމިފައި އޮތީ އެންމެ 32 އިންސައްތަ މަސައްކަތް ކަމަށެވެ. ބާކީ ހުރިހާ މަސައްކަތެއްކޮށް ފެނާއި ކަރަންޓު ގުޅުމާއި ލޭންޑް ސްކޭޕިންގެ މަސައްކަތް މި ދެ އަހަރު ތެރޭ ކުރީ މި ސަރުކާރުން ކަމަށް ވިދާޅުވި އެވެ.
ގެދޮރުވެރިޔާ މަޝްރޫއު ތެރޭގައި ހިމެނެނީ 3 ކޮޓަރީގެ 2800 އެޕާޓްމަންޓާއި 2 ކޮޓަރީގެ 1200 އެޕާޓްމަންޓެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2އިން 709 ގޯތި ދޭން ހަމަޖެހިފައިވާއިރު އޭގެ ތެރެއިން 699 ގޯތި ހަވާލުކުރެވުފައިވާ ކަމަށާއި ހުޅުމާލެ ފޭސް 3އިން ގޯތި ލިބޭ 698 މީހުން ކަނޑައެޅިފައިވާ ކަމަށާއި އެއަށްފަހު ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނެސް އިތުރަސް ގޯތި ދޭނެ މީހުންގެ ގުރުއަތު 20 ޑިސެމްބަރުގައި ނެގިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ފޭސް 3 ގައި ހިއްކަން ހަމަޖެހިިފައިވާ 63 ހެކްތަރުގެ ތެރެއިން 47 ހެކްޓަރު މިހާރު ހިއްކައި ނިމިފައިވާއިރު ފޭސް 3 ހިއްކުމުގެގެ މަސައްކަތް ޖެނުއަރީ 20 އަށް ނިންމާލެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ގޯތިތަކުގެ ރަޖިސްޓްރީގެ މަސައްކަތް ވެސް ޖެނުއަރީ މަހު ފަށާނެ ކަމަށާއި އިންވަކި ކުރެވެމުންދާ މިންވަރަކުން ގޯތި ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ޕްލޭން ކުރަނީ އަންނަން އޮތް ޖީލުތަކަށް ވިސްނުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން މިހާރު 1 އަދި 2 ކޮޓަރި އެޕާޓްމަންޓްތައް ތަރައްގީ ކުރުމުގެ ބަދަލުގައި 3 ކޮޓަރި އެޕާޓްމަންޓްތަކަށް އިސްކަންދޭ ކަމަށް ވިދާޅުވި އެވެ.
އެކަމުގެ ބޭނުމަކީ އަންނަން އޮތް ޖީލުތަކަށާއި ދަރީންނަށް ރައްކާތެރި ތަނަވަސް މާހައުލެއް ހޯދައި ދިނުން ކަމަށް ވިދާޅުވި އެވެ.