ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިއަދު ގާތްގަޑަކަށް 22،000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ލަފާކޮށްފި އެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި މިއަދަކީ ވީއައިއޭއަށް މި އަހަރު އެންމެ ބާރުބޮޑުވާނެ އެއް ދުވަހެވެ. މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރަށް ވެފައި، ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ރާއްޖެއަށް އަންނަ ދުވަސްވަރެކެވެ.
ވީއައިއޭގެ ޓާމިނަލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެމްއޭސީއެލްއިން ފޮނުވި މެސެޖެއްގައި ވަނީ، އާ ޓާމިނަލަށް މިއަދު 10،500 ފަސިންޖަރުން އަންނާނެ ކަމަށާއި، ޓާމިނަލް 2 އަށް 600 ފަސިންޖަރުން އަންނާނެ ކަަމަށް ލަފާކޮށްފަ އެވެ. އަދި އެއާޕޯޓުން މިއަދު 11،000 ފަސިންޖަރުން ފުރާނެ ކަަމަށްވެސް ލަފާކޮށްފައިވެ އެވެ. މީގެތެރޭގައި އުމްރާގެ އަޅުކަމަށް ފުރާ ދިވެހީންނާއި، ރާއްޖެ އަންނަ، އަދި ފުރާ ފަތުރުވެރިން ވެސް ހިމެނެ އެވެ.
ވީއައިއޭގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ފަސިންޖަރުން އައީ މިދިޔަ އަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހު އެވެ. އެ ދުވަހު 11،207 ފަސިންޖަރުން ވީއައިއޭއަށް އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ވީއައިއޭއަށް މިއަދު ބާރުބޮޑުވާނެތީ ތޮއްޖެހުން ކުޑަކުރަން އެއާޕޯޓުގެ މުވައްޒަފުން ރަނގަޅަށް ހަރަކާތްތެރިވުމަށް އެމްއޭސީއެލްއިން ވަނީ އެދިފަ އެވެ. އަދި ދަތުރުވެރިން ކުރިޔާލާ އެއާޕޯޓަށް ގޮސް ފުރިހަމަ ކުރަންޖެހޭ އިންތިޒާމުތައް ފުރިހަމަކުރުމަށް ވެސް އެ ކުންފުނިން އިލްތިމާސްކޮށްފައިވެ އެވެ.
ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހަކީ އާންމުގޮތެއްގައި ވީއައިއޭއަށް ބާރުބޮޑުވާ ދުވަސްވަރެކެވެ.