ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގުގެ ތިންވަނައަށް ޖެހިލައިފި އެވެ.

ސެންޓޭގެ ދެ ލަނޑާއެކު ބުރު ބަލިކޮށް ނިއު ތިންވަނައަށް
ސެންޓޭގެ ދެ ލަނޑާއެކު ބުރު ބަލިކޮށް ނިއު ތިންވަނައަށް

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗު ނިއުއިން ކާމިޔާބުކުރީ 3-0 އިންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި، ނިއުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައަކުން އެ ޓީމަށް ލީޑު ނަގައިދިނީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ނިއުގެ ދެވަނަ ލަނޑު ޖަހައިދިނީ ސެންޓޭ އެވެ. ބުރުގެ ފަހަތުން ހެދުނު ގޯހެއްގައި ސެންޓޭއަށް މަތިން ހުސްކޮށް ލިބުނު ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލާފަ އެވެ.

ސެންޓޭ، ނިއުގެ ތިންވަނަ ލަނޑު ޖެހީ 58 ވަނަ މިނެޓުގަ އެވެ. މިއީ ބުރުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ދަގަނޑޭ އާއި ސެންޓޭ - ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މެޗުގެ ފަހުކޮޅު ނިއުއިން ވަނީ، މި ސީޒަނަށް އެ ޓީމާ ގުޅުނު ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އަރުވާފަ އެވެ. އަނިޔާއިން ސަލާމަތްވެ ދަގަނޑޭ އެނބުރި އައި އިރު، މިއީ ފުރަތަމަ ޑިވިޝަނުގައި ދެ އަހަރާ އަށް މަސް ފަހުން ދަގަނޑޭ ކުޅުނު ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެ އެވެ.

މި މޮޅާއެކު ނިއުއިން ލީގުގެ ތިންވަނައިގައި އޮތީ ޖުމްލަ 23 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުން ބަލިވި ބުރު މިހާރު އޮތީ 20 ޕޮއިންޓާއެކު ހަތަރުވަނައިގަ އެވެ. އަދި 28 ޕޮއިންޓް ލިބިގެން އޮޑި ސްޕޯޓްސް ކްލަބް ދެވަނައިގައި އޮތް އިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެއްވަނައިގައި އޮތީ 34 ޕޮއިންޓާއެކު އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ދެން ފަށާނީ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު އެވެ.