ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫޢުގެ ދަށުން 74 އިންސައްތަ ހިއްކައި ނިންމާލައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ކުރި މެސެޖެއްގައި ބުނެފައިވަނީ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން 47 ހެކްޓަރު ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެ ސަރަހައްދުން ޖުމްލަ ހިއްކުމަށް ހަމަޖެހިފައި އޮތީ 63 ހެކްޓަރުގެ ބިމެވެ. އެހެންކަމުން މިހާރު ބާކީ ދެން ހިއްކުމަށް އޮންނާނީ އެންމެ 16 ހެކްޓަރުގެ ބިމެވެ.
މީގެ ކުރިން 40 ހެކްޓަރު ބިން ހިއްކައި ނިމުނުއިރު އެ ސަރަހައްދު އޮތީ ހިއްކި ބައި ފަރުކޮޅުފުއްޓާ ހަމައަށް ގުޅުވާލާފަ އެވެ.
ހުޅުމާލޭގެ މާސްޓަޕްލޭންގައި ކުރިން އޮތީ އެ ސަރަހައްދު ނުހިއްކާ ގޮތަށެވެ. މާސްޓަޕްލޭންގައި އޮތީ ހުޅުމާލެ 3 އާއި ފަރުކޮޅުފުއްޓާ ދެމެދުގައި ކޯރެއް އޮންނަ ގޮތަށެވެ. އެ ދެ ސަރަހައްދު ގުޅުވާލުމަށް ޗެނަލް ބްރިޖުތައް އަޅާ ގޮތަށެވެ. އަދި ފަރުކޮޅުފުށީގައި ހެރިޓޭޖު ވިލެޖެއް ހެދުމުގެ މަސައްކަތް ވެސް އެޗްޑީސީން ފެށިއެވެ.
ނަމަވެސް އެޗްޑީސީން މިދިޔަ މެއި މަހު މާސްޓަޕްލޭނަށް ބަދަލު ގެނެސް އެ ސަރަހައްދު އެއްކޮށް ހިއްކާ ގޮތަށް ވަނީ ބަދަލުގެނެސްފައެވެ. އެޗްޑީސީން ނިންމީ ހުޅުމާލެ ދޭކާއި ތިނަކާ ދެމެދުގައި ކުރިން "ކޯރެއްގެ" ގޮތުގައި ކަނޑައަޅާފައި އޮތް ބައި ހިއްކައި، ދެ ސަރަހައްދު އެއްކޮށްލާށެވެ. އެ ބައި ހިއްކަނީ އެ ސަރަހައްދުގެ ކަނެކްޓިވިޓީ ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރަން ގެންނަ ބަދަލެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ އެމްއޭސީއެލްގެ ދަށުން ހަދާފައިވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އިންނެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ. ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެކި ސަބަބުތަކާ ހެދި ބިން ހިއްކުން ލަސްވަމުން އައިސް މިފަހުން އަނެއްކާވެސް ފޭސް 3 ހިއްކަން ފަށާފައިވަނީ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު ވަނީ ބިން ހިއްކުމުގެ ސްޕީޑް އަވަސްކުރުމަށް އެއްފަހަރާ ދެ ޑްރެޖަރ ބޭނުންކުރަން ފަށާފައެވެ.
މިދިޔަ ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހު ބިން ހިއްކުން އަވަސްކުރުމަށް ބޭނުންވާ އިތުރު ޑްރެޖަރ ރާއްޖެ އައިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ޑިސެމްބަރ މަހުގެ ފަހުކޮޅު ނިމޭނެކަމަށް އުންމީދުކުރައްވާކަމުގައެވެ.