ހިޔުމަން ރައިޓްސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ އެއްވެސް ދިރާސާއެއްގައި އިސްލާމްދީން ނޫން އެހެން ދީންތައް ދިވެހިރާއްޖޭގައި އޮންނަން ފެންނަކަމަށް ބެލުމަށް ސުވާލެއް ހިމަނާފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ހިޔުމަން ރައިޓްސް ކޮމިޝަނުން ކުރާ ދިރާސާއެއްގައި އިސްލާމްދީން ނޫން އެހެން ދީންތައް ދިވެހިރާއްޖޭގައި އޮންނަން ފެންނަކަމަށް ބެލުމަށް ސުވާލު ހިމަނާފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަށް ރައްދު ދެއްވައި ހިޔުމަން ރައިޓްސް ކޮމިޝަނުން ބުނީ ކޮމިޝަންގެ މަސައްކަތްތައް ބިނާކުރެވި ހިނގަމުންދާނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ޤާނޫނުތަކާއި، ދިވެހިރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ގަރާރުވެފައިވާ މުއާހަދާތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.

އެގޮތުން، އެ ކޮމިޝަނުގެ ފަރާތުން އެ ހާލަތްތަކާއި ޚިލާފުވާ އެއްވެސް ކަމެއް ހުއްދަ ކުރުމަށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާނެކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.

ކޮމިޝަނުގެ މަސައްކަތްތައް އަބަދުވެސް ހިންގަމުން ގެންދާނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި، ޤާނޫނުތަކާއި، ދިވެހިރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ޤަރާރުވެފައިވާ މުޢާހަދާތަކުގެ އިމުގެ ތެރޭގައިކަމަށް ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވާކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި ހުރިހާ ވަގުތަކު ހުރިހާ ކަމެއްގައިވެސް އިސް ކުރާނީ އިސްލާމީ ޝަރީއަތާއި އިސްލާމް ދީނުގެ ހަމަތަކާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ މަސްލަހަތުތައްކަން ޔަޤީންކޮށް އަރުވާކަމަށް އެ ކޮމިޝަނުން ބުނެ އެވެ.