މާފަންނުގައި ހުންނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގައި ޗައިލްޑް ހެލްތު ކްލިނިކްގެ ހިދުމަތްތައް ފަށައިފި އެވެ.

މި ކްލިނިކުން ކުޑަކުދިންގެ ސިއްހަތާ ގުޅުންހުރި މުހިންމު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ވިޓަމިން އޭ އަދި ފަނި ބޭސް ދިނުމުގެ ހިދުމަތް އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 13:00 އިން 15:30 އަށް ލިބޭނެ އެވެ. އަދި ކުދިންގެ ގްރޯތު މޮނިޓަރިންގ ހިދުމަތް ލިބޭނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 14:00 އަށެވެ.

ޗައިލްޑް ހެލްތު ކްލިނިކުން ކުދިންނަށް ވެކްސިން ދޭ ގަޑިތަކަށް ބަލާއިރު، އާދީއްތަ، އަންގާރަ އަދި ބުދަ ދުވަހު މި ހިދުމަތް ލިބޭނީ ހެނދުނު 08:30 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 13:00 އިން 15:30 އަށެވެ. އަދި ހޯމަ އާއި ބުރާސްފަތި ދުވަހު ވެކްސިން ދޭނީ ހެނދުނު 08:30 އިން މެންދުރު 12:00 އަށެވެ.

މީގެ އިތުރުން، ތުއްތުކުދިންނާއި ކުޑަކުދިންނަށް ކާން ދިނުމާ ގުޅޭ އިންފޭންޓް އެންޑް ޔަންގް ޗައިލްޑް ފީޑިން ކައުންސެލިންގވެސް މި ސެންޓަރުން ލިބޭނެ އިންތިޒާމުތައް މިހާރު ވަނީ ހަަމަޖެހިފަ އެވެ.

މާލެ ސަރަހައްދުގައި ގާއިމްކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގެ ހުޅުވާފައިވަނީ މިދިޔަ ނޮވެމްވަރު މަހުގެ 19 ވަނަ ދުވަހު އެވެ.

މި ސެންޓަރުގެ ހިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ ތިން ބަޔަކަށެވެ. އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި، އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި، ފަސޭހައިން ދެއްކޭ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ.

މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަހައްދުގައި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްގީކުރާނެ އެވެ.