އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން ބަލިކޮށް އާސެނަލުން ލީގުގެ އެއްވަނަ މަގާމު ދެމެހެއްޓި އިރު، ލިވަޕޫލް އާއި މެންޗެސްޓަރ ސިޓީ ވެސް މޮޅުވެއްޖެ އެވެ.

އާސެނަލް، ލިވަޕޫލް އަދި ސިޓީ ވެސް މޮޅުވެއްޖެ
އާސެނަލް، ލިވަޕޫލް އަދި ސިޓީ ވެސް މޮޅުވެއްޖެ

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ އާސެނަލުން ބްރައިޓަންގެ މައްޗަށް ކުރިހޯދީ 2-1‏ އިންނެވެ. މި މެޗުގެ ކުރީކޮޅު އާސެނަލަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. މެޗުގެ 14 ވަނަ މިނެޓުގައި ބްރައިޓަންގެ ޕެނަލްޓީ އޭރިއާގެ ބޭރުން އޮޑެގާޑް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އާސެނަލްގެ ދެވަނަ ލަނޑަކީ މެޗުގެ 52 ވަނަ މިނެޓުގައި ޑެކްލަން ރައިސް ކޯނަރަކުން ގޯލު އޭރިއާގެ ތެރެއަށް ހުރަސްކުރި ބޯޅައެއް ބްރައިޓަންގެ ޖިއޯޖީނިއޯ ރުޓާގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެފަހުން، 64 ވަނަ މިނެޓުގައި ބްރައިޓަންގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޑިއޭގޯ ގޮމޭޒް އެވެ.

ލިވަޕޫލުން ވަނީ އަމިއްލަ ދަނޑުގައި ރޭ 2-1‏ އިން ވުލްވްސް ބަލިކޮށްފަ އެވެ. އެންފީލްޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ލިވަޕޫލުން ގާތްގާތުގައި ދެ ލަނޑު ޖެހި އެވެ. އެގޮތުން، މެޗުގެ 41 ވަނަ މިނެޓުގައި ރަޔަން ގްރަވެންބެހް ލަނޑެއް ޖެހި އިރު، ޖެހިގެން އައި މިނެޓުގައި އަނެއް ލަނޑު ޖަހައިދިނީ ފްލޯރިއަން ވީޓްޒް އެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ލަނޑުކަން ފާހަގަކޮށްލެވެ އެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ވުލްވްސްއަށް ލަނޑު ޖަހައިދިނީ ސަންޓިއާގޯ ބުއޭނޯ އެވެ.

ސިޓީން ރޭ ނޮޓިންހަމް ފޮރެސްޓްގެ ދަނޑުގައި އެ ޓީމު އަތުން މޮޅުވީ ވެސް 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ތިން ލަނޑު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގަ އެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ސިޓީންނެވެ. އެގޮތުން، 48 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކުރީ ޓިއާނީ ރެއިންޑާސް އެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން އޮމަރީ ހަޗިންސަން ޖެހި ލަނޑުން ފޮރެސްޓުން އެއްވަރުކުރި އެވެ. ނަތީޖާ އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް، 83 ވަނަ މިނެޓުގައި ސިޓީ މޮޅުވި ލަނޑު ޖަހައިދިނީ ރަނގަޅު ފޯމެއްގައި ހުރި ފްރާންސްގެ މިޑްފީލްޑަރު ރަޔަން ޝާކީ އެވެ.

ރޭގެ މެޗުތަކަށް ފަހު، 42 ޕޮއިންޓާއެކު އާސެނަލް އެއްވަނައިގައި އޮތް އިރު، ސިޓީ ދެވަނައިގައި އޮތީ 40 ޕޮއިންޓާއެކު އެވެ. އަދި 32 ޕޮއިންޓް ލިބިގެން ލިވަޕޫލް މިވަގުތު އޮތީ ހަތަރުވަނައިގަ އެވެ.